ހިޔާ ފުލެޓުތަކުން ކުއްޔާއި މެއިންޓެނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް ހިޔާ ޔޫނިއަނުން ގޮވާލައިފިއެވެ.

ހިޔާ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހިޔާ ފުލެޓުތަކުން ކުލި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާންކޮށްފައިވީ ނަމަވެސް، ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި މެއިންޓެނެންސް ފީ ހިމެނޭ ގޮތަށް ކުލި ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށްވެސް ބުންޏެވެ.

"މެއިންޓަނަންސް ފީ ނެގޭނީ އެގްރިމަންޓުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ފަދައިން ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް. އަދި މިކަން ޖުމުލަ ހަ މަސް ދުވަހުގެ ތެރޭގައި އެޗްޑީސީން ނިންމަންވާނެކަންވެސް ވަނީ ހިޔާ ވެރިންނާއެކު ވެވިފައިވާ އެއްބަސްވުމުގައި ބުނެފައެވެ.،" ހިޔާ ޔޫނިއަނުން ބުންޏެވެ.

އެ ޔޫނިއަނުން ބުނި ގޮތުގައި، އެ ސަބަބުތަކުގެ އިތުރުން ހިޔާ ޝަހަރުގައި ހުރި އެތަށް މައްސަލަތަކާއި ވަކިވަކި ފަރުދުންގެ ހާލަތާއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ހިޔާ ފުލެޓުތަކުގެ ކުލި ނެގުން އަދި އަވަހެވެ. އަދި ހިޔާ ފުލެޓުތަކުގެ ވެރިން ކުލި ނުދައްކާ މަޑުކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.

ހިޔާ ޔޫނިއަންގެ އެ ބަޔާނާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ، އެ ބަޔާނަށް އެ ކޯޕަރޭޝަނުން ޖަވާބު ދޭނީ ބަޔާނަކުން ކަމަށެވެ.

ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައިވާ އިރު، ކުލި ކުޑަކޮށްދިނުމަށާއި ކުލި ދެއްކުން ފަސްކޮށްދިނުމަށް ގޮވާލައި، ގިނަ ބަޔަކު ސޮއިކޮށް މިފަހުން ވަނީ އެޗްޑީސީއަށް ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ. ކުލި ކުޑަކޮށްދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދަނީ ހިޔާ ފުލެޓުތަކަށް ބަދަލުވާން އެކި ގޮތްގޮތުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ސްކީމްތަކަށް ފައިސާ ދައްކަމުން އެހާ ބޮޑު ކުއްޔެއް ދައްކަން ޖެހުމެވެ.

ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި މަހަކު ޖުމުލަ 8,500 ރުފިޔާ ދައްކަންޖެހެއެވެ. އެއީ ކުލީގެ ގޮތުގައި 7500 ރުފިޔާއާއި މެއިންޓެނެންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއެވެ.