އިންޑިއާގެ ސެންޑަލް މޮރިޝަސްއިން ހުޅުމާލޭގައި ތަރައްގީކުރާ "ސޮލިޓެއާ' ލަގްޒަރީ ރެސިޑެންސްގެ ބިންގާ މިއަދު އަޅައިފިއެވެ.
ހުޅުމާލޭގައި ސޮލިޓެއާ ރެސިޑެންސް އެޅުމަށް ދީފައިވާ ބިމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮލިޓެއާގެ ކޮންޓްރެކްޓަރަކަށް ރެއިންބޯ ކޮންސްޓްރަކްޝަން ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސެންޑަލް މޮރިޝަސްގެ ފަރާތުން ސޮއިކުރެއްވީ ސެންޑަލް މޮރިޝަސް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ނީރާޖް ގުލާޓީއެވެ. އަދި ރެއިންބޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަފީގުއެވެ.
މި ހަފްލާގައި ނީރާޖް ގުލާޓީ ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރުގައި ބޭއްވި ލިވިން އެކްސްޕޯގައި ސޮލިޓެއާ ބުކިންއަށް ހުޅުވާލުމާ އެކު އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެކުންފުނިން މިހާރު ހަދަމުން އަންނަ ވަން ސެންޓްރަލް ޕާކްގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށާއި ރެއިންބޯއިން ސޮލިޓެއާ ލަގްޒަރީ ރެޒިޑެންސް މަޝްރޫއު ވަރަށް ފުރިހަމަކަމާ އެކު ނިންމާލާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ނީރާޖް ވިދާޅުވިއެވެ.
ޖުމުލަ ނުވަ ފަންގިފިލާ ހުންނަ ގޮތައް އިމާރާތް ކުރާ މި އިމާރާތުގައި ކޮންމެ ފްލޯއެއްގައި 1،200 އަކަފޫޓުގެ އަށް އެޕާޓްމަންޓް ހުންނާނެއެވެ. ހުރިހާ އެޕާޓްމަންޓްތަކުގައި ވެސް 3+1 ކޮޓަރި ހުންނަ އިރު އެންމެ މަތީ ފްލޯގައި ހުންނާނީ ހަތަރު ލަގްޒަރީ ޕެންޓްހައުސްއެވެ.
އަޕާ ގްރައުންޑް ލެވެލްގައި މަގުބޫލު ފިހާރަތައް ހުންނަ އިރު ރޫފްޓޮޕްގައި މަލްޓި ފެސިލިޓީ ކްލަބްހައުސްއެއް ހުންނާނެއެވެ. އަދި އެންމެ ޒަމާނީ ފެންވަރުގެ ޖިމް އަކާއި އިންފިނިޓީ ޕޫލް، ކުޑަކުދިންގެ ޕޫލް އަދި ކުޑަކުދިން ކުޅޭ ތަނަކާއި އާއިލާތަކަށް ހިތްފަސޭހަ މައިޒާނެއް މި ރެޒިޑެންސްގައި ހުންނާނެއެވެ.
ސެންޑަލް މޮރިޝަސްއަކީ ނިއު ދިއްލީގެ ރިއަލް އެސްޓޭޓް ކުންފުނި އެސޮޓެކް ރިއަލްޓީގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސޮލިޓެއާ ލަގްޒަރީ ރެސިޑެންސްއަކީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ދެވަނަ މަޝްރޫއުއެވެ. ފުރަތަމަ މަޝްރޫއަކީ ސެންޓްރަލް ޕާކް ކައިރީގައި މިހާރު ހަދަމުން އަންނަ ވަން ސެންޓްރަލްޕާކެވެ.
ޚަބަރު
ޚަބަރު
ޚަބަރު