މުނިފޫހިފިލުވުން

ތާރާ އާއި ސޮނާކްޝީވެސް ޗުއްޓީއަށް ރާއްޖޭގައި

ބަތަލާ ސޮނާކްޝީ ސިންހާ އާއި ތަރާ ސުތާރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ވައްކަރު މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ސޮނާކްޝީ ވަނީ ރިސޯޓުގެ ގޮނޑުދޮށުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ރިސޯޓުގައި ކުރިއަށް ގެންގޮސްފައިވާ ފޮޓޯ ޝޫޓުގެ ތެރެއިން ބައެއް ފޮޓޯތައް ސޮނާކްޝީ ހިއްސާކޮށްފައިވާއިރު، ވަށައިގެން ވާ ގުދުރަތީ ނޫ ކުލައިގެ މާހައުލާއި ގުޅުވައި ވިލު ނޫކުލައިގެ ވިދުމެއް ހުރި ސީ-ތުރޫ ގަމީހެއްގައި ސޮނާކްޝީ ފެނިގެންދާ ފޮޓޯތައް ވަރަށްވެސް ފުރިހަމައެވެ.

މި ފޮޓޯތައް ހިއްސާކުރަމުން ސޮނާކްޝީ ބުނެފައިވަނީ ރާއްޖެއަށް ކުރާ ކޮންމެ ދަތުރަކާއެކު ރާއްޖެ އާއި އޭނާއާ ދެމެދު އޮންނަ ލޯބީގެ ގުޅުން އިތުރުވަމުން އަންނަ ކަމަށެވެ. ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން ގެންދާ ވައްކަރު މޯލްޑިވްސް ރިސޯޓު އަދި ދަތުރުގެ މެދުވެރިއަކަށް ވި ޓްރެވެލްއިން ލިވިންއިން ޓެގްކޮށް އޭނާ ޝުކުރު އަދާކޮށްފައިވާއިރު ސޮނާކްޝީ ވަނީ އެ ރިސޯޓުގައި ކުރިއަށް ގެންދިޔަ ފޮޓޯޝޫޓު އިންތިޒާމުކޮށް ރީތި ފޮޓޯތަކެއް ނަގައިދިން ޔަޝްލައިޓްރޫމް ވެސް ޓެގުކޮށް ޝުކުރު އަދާކޮށްފައެވެ.

ސްޓޫޑެންޓް އޮފް ދަ އިޔާއިން ބޮލީވުޑްއަށް ތައާރަފްވި ތާރާ ސްތާރިއާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޭ ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓްގައެވެ. އޭނާ ވަނީ އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ތާރާ ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ އާދަރް ޖާންއާއެކުއެވެ. އާދަރް ވެސް ވަނީ ޖޭ ޑަބްލިޔު މެރިއޮޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އާދަރް އަކީ އިންޑިއާގެ މަޝްހޫރު ކަޕޫރް އާއިލާގެ ތަރިއެކެވެ. އޭނާގެ މަންމައަކީ ރާޖް ޖަޕޫރްގެ އެންމެ ހަގު އަންހެން ދަރިއެވެ. ރަންބީރު ކަޕޫރާއި ކަރީނާ އަދި ކަރިޝްމާ އަކީ އާދަރްގެ ކަޒިންސްއެވެ.

ސޮނާކްޝީގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެނިގެންދާނީ ހޫމާ ގުރޭޝީ އާއެކު ފިލްމު ''ޑަބަލް އެކްސެލް'' އިންނެވެ. އެ ފިލްމުގެ އިތުރުން ރިތޭޝް ދޭޝްމުކް އަދި ސާގިބް ސަލީމް އާއެކު ފިލްމު ''ކަކުޑާ'' ގައި ވެސް ސޮނާކްޝީ އަންނަނީ މަސައްކަތްކުރަމުންނެވެ.

ތާރާ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ހީރޯޕަންތީ ދޭކާއި އެކް ވިލެން ދޭއް ހިމެނެއެވެ. އެ ދެ ފިލްމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ނިމިފައެވެ. ހީރޯޕަންތީގައި ތާރާ ފެނިގެންދަނީ ޓައިގާ ޝްރޮފާއެކުއެވެ. އެ ފިލްމު މިމަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކް ވިލެން ދޭއްގައި އޭނާ ފެނިގެންދާނީ ޖޯން އަބްރަހަމާއި ޑިޝާ ޕާޓްނީއާއެކުއެވެ. ތާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ތަލަޕްގައެވެ. އޭގައި ތާރާއާއެކު ފެނިގެން ގޮސްފައިވަނީ އަލަށް ބޮލީވުޑްއަށް ތައާރަފްވި ސުނިލް ޝެޓީގެ ދަރި، އަހާން ޝެޓީއެވެ.