އުތުރު އެމެރިކާއާއި ދެކުނު އެމެރިކާގެ ގައުމުތަކަށް މިފްކޯގެ އުފެއްދުންތައް މާކެޓްކުރުމަށް ވިސްނަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ފައުޒީ ރޭ ވިދާޅުވީ، މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް މުޅިންއާ މާކެޓްތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ ގައުމުތަކަކީ މިފްކޯގެ އުފެއްދުންތައް މީގެ ކުރިން އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކެއް ނޫންކަމުން އެ ދެ ބައްރުގެ ގައުމުތަކުން މާކެޓް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ، އުތުރު އެމެރިކާއާއި ދެކުނު އެމެރިކާގެ ގައުމުތަކުން މާކެޓް ހޯދުމަށް މިހާރު އެގައުމުތަކަށް މިފްކޯގެ އުފެއްދުންތަކުގެ ސާމްޕަލް ފޮނުވާފައިވާ ކަމަށެވެ.
"އިތުރު މާކެޓުތައް ވެސް އެބަ ބަލަން. ހާއްސަކޮށް އެމެރިކާގެ ނޯތު އެމެރިކާގެ އަޅުގަނޑުމެންނަށް އަތްނުލެވި އޮތް މާކެޓުތައްވެސް އެބަ އޮތް އެހެންވީމާ އަޅުގަނޑުމެން އެބަ ބަލަން އިތުރު މާކެޓްތައް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދޭން، އެހެންވީމާ މިހާރުގެ އަޅުގަނޑުމެންގެ ސްޕެސިފިކޭޝަންއާ މި ހުރިހާ އެއްޗެއް އެ ބޭފުޅުން ބޭނުންވި ގޮތަށް އެބަ ސާމްޕަލްތަކާ ތަކެތި އެބަފޮނުވޭ، އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުމެންނަށް ކުރިއަށް އޮތްނަނުގައި އިތުރު މާކެޓްތަކެއް ހުޅުވިގެން އަދި އެ މާކެޓްތަކައް އެކްސްޕޯޓް ކުރެވޭނެ ކަމަށް،" ފައުޒީ ވިދާޅުވިއެވެ.
މިފްކޯގެ އުފެއްދުންތައް ވަރަށް ފަހުން މެލޭޝިއާގެ ބާޒާރަށްވެސް ނެރެފައިވާނެކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ، އެގައުމުގެ ބާޒާރަށް މިފްކޯގެ އުފެއްދުންތައް ނެރެފައިވަނީ "މޯލްޑިވްސް ޓޫނާ" ލޭބަލްގެ ދަށުން ކަމަށާއި އެ ލޭބަލްގެ ދަށުން މިފްކޯގެ އުފެއްދުންތައް ބާޒާރަށް ނެރުމުން، ޑިމާންޑު އޮންނަ ކަމަށެވެ.
އަދި ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ ގައުމުތަކަށްވެސް މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓް ކުރާނީ "މޯލްޑިވްސް ޓޫނާ" ލޭބަލްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ފައުޒީ އިތުރަށް ވިދާޅުވީ، މިފްކޯގެ ފެކްޓަރީއަކީ 44 އަހަރުވެފައިވާ ފެކްޓަރީއަކަށް ވިޔަސް އެތަނަކީ ޔޫރަޕުގެ "++A އޭ ޕްލަސް ޕްލަސް" ލިބިފައިވާ ފެކްޓަރީއެއް ކަމަށެވެ. އަދި އެ ފެކްޓަރީން އުފައްދާ މަސްދަޅުތައް ޔޫރަޕަށް އެކެސްޕޯޓުކުރާ ކަމަށެވެ.
"44 އަހަރުވީ ފެކްޓްރީއަކުން ޕްރޮސެސްކުރާ ދަޅުމަހުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ، އެހެންވީމާ އަޅުގަނޑުމެންގެ މި ފެކްޓްރީއަކީ މިހާރުގެ ހާލަތުގައި ހުރިކަމަށް ވިޔަސް ހަމަ ޔޫރަޕުގެ އޭ ޕްލަސް ޕްލަސް ފެކްޓަރީއެއް، ދެން ހަމަ ޔޫރަޕުގެ ބޮޑެތި ބްރޭންޑުތަކަށް އަޅުގަނޑުމެން އެބަޕެކްކުރަން، ހާއްސަކޮށް ވެއިޓް ރޯސް، މިލްގްރޯސް، މާކެސެސް ސްޕެންސާ އަޅުގަނޑުމެން ޕެކްކުރާ ބްރޭންޑުތައް" ފައުޒީ ވިދާޅުވިއެވެ.
މިފްކޯއިން 2021 -2021 ގައި ލޯންޗުކުރި "ހޮޓްޕެކް" ސީރީސްގެ ޕްރޮޑަކްޓްތަކައް ޔޫރަޕް މާކެޓުގައި ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ ޔޫރަޕުގެ މާކެޓުން މިފްކޯގެ އިތުރު އުފެއްދުންތައް ފެނިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު