ރާއްޖޭގައި އަލަށް މޭމަތި ފަޅާނުލައި ހިތުގެ ލޯވަޅު ބެއްދުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
އެ އޮޕަރޭޝަންކުރި އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ، ނޭޝަނަލް ކާޑިއަކް ސެންޓަރު (އެންސީސީ)އިން އެ އޮޕަރޭޝަން ކުރީ ފައިގެ އުކުޅުވަޅާ ދިމާލުން، މައި ހޮޅިއަށް ޓްރާންސްކެތީޓާ ޑިވައިސްއެއް ނުވަތަ ހޮޅިއެއް ލައްވައިގެން އެ ހޮޅި ހިތާ ހަމައަށް ގެންގޮސްގެން ކަމަށެވެ. އެ އޮޕަރޭޝަނުގައި ހިތް ފަޅާނުލައި، ހިތުގައި އުފެދިފައި ހުންނަ ލޯވަޅު ނުވަތަ އައިބު ރަނގަޅުކޮށްދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މިއީ އެފަދަ އޮޕަރޭޝަނެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އެ އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހުންނެވީ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު މުހައްމަދު ޝަނީޒް ނަޖްމީއެވެ.
އައިޖީއެމްއެޗުން ބުނީ، އެ އޮޕަރޭޝަން ކާމިޔާބުވުމާއެކު، އެ ފަރުވާ ހޯދުމަށް ދިވެހިން ދެން ރާއްޖޭން ބޭރަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ސަބަބުން މޭމަތި ފަޅާލައިގެން އޮޕަރޭޝަން ކުރާއިރު ހުންނަ ލަފެއް ނުހުންނައިރު ނުރައްކާ ކުޑަވުމުގެ އިތުރުން އޮޕަރޭޝަނަށްފަހު ފަސޭހަވުން ވެސް އަވަސްވާނެ ކަމަށެވެ.
އެ އޮޕަރޭޝަން ކުރީ ކިހާ އުމުރެއްގެ މީހެއްގެ ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން އޭޑީކޭއިން ވެސް ވަނީ، ހިތާ ދިމާލުން މޭމަތި ފަޅާލައިގެން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ފައިގެ މައި ލޭ ހޮޅިއެއްގެ ތެރެއިން ސްޓެންޓް ލައްވައިގެން ހިތުގައި ވޭލްވް ހަރުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފައެވެ. އޭޑީކޭއިން އެފަދަ އޮޕަރޭޝަނެއް ކޮށް، މަސްނޫއީ ވޭލެއް ހަރުކުރީ އުމުރުން 81 އަހަރުގެ ދިވެއްސެއްގެ ހިތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު