އަތޮޅުތަކަށް ފޮނުވަން ނިންމާފައިވާ 21 އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިއަދު ފަށައިފިއެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރުވެސް ހުރިހާ އެމްބިއުލާންސް ގެނެސްފައެއް ނުވެއެވެ. އެސްޓީއޯއިން އަންނަނީ އެކި މަރުހަލާތަކަށް ބަހާލައިގެން އެމްބިއުލާންސްތައް ރާއްޖެ ގެންނަމުންނެވެ.

އެމްބިއުލާންސްތަކުގެ ހަތަރު ވަނަ ބެޗް ގެނެސްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. މިފަހަރު ގެނެސްފައިވަނީ 21 އެމްބިއުލާންސްއެވެ. އޭގެ ތެރެއިން ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީގެ އިކުއޮޓޯރިއަލް ހޮސްޕިޓަލަށް އަދި އިމަޖެންސީ މެޑިކަލް ސާވިސްއަށް ވެސް އެމްބިއުލާންސް ދިނުމަށް ވަނީ ނިންމައިފައެވެ.

  • ހދ. ފިނޭ
  • ހދ. ކުރުނބީ
  • ހދ. ނޭކުރެންދޫ
  • ށ. ފޭދޫ
  • ށ. ފީވަށް
  • ރ. މާކުރަތު
  • ރ. އަނގޮޅިތީމު
  • ރ. އިންނަމާދޫ
  • ނ. ވެލިދޫ
  • ނ. މާޅެންދޫ
  • ކ. ދިއްފުށި
  • ކ. ގުރައިދޫ
  • ކ. ގާފަރު
  • އއ، ރަސްދޫ
  • އދ. ދިގުރަށް
  • ތ. ވިލުފުށި
  • ގއ، ކަނޑުހުޅުދޫ
  • ގދ. ނަޑެއްލާ

މީގެ ކުރިން ތިން ބުރެއްގައި ވަނީ ޖުމުލަ 55 އެމްބިއުލާންސް ގެނެސްފައެވެ. އެގޮތުން ފުރަތަމަ 20 އެމްބިއުލެންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗްގެ 20 އެމްބިއުލާންސް ގެނެސްފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ތިންވަނަ ބެޗްގެ 15 އެމްބިއުލާންސް ގެނެސްފައިވަނީ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުއެވެ، އެ އެމްބިއުލާންސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވައިފައެވެ.