އެފްރިކާގެ ގައުމެއްކަމަށްވާ ލައިބީރިޔާގައި މޮޓޯސައިކަލް ޓެކްސީކުރަން އުޅުނު ޒުވާނެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުން މުޅި ދުނިޔެ ހައިރާންކޮށްލައިފިއެވެ.

އުމުރުން 19 އަހަރުވީ އެމަނުއެލް ޓުލޯއަށް މަގުމަތިން ފެނުނީ ބައިލައްކަ ޑޮލަރު އަޅާފައިވާ ޕްލާސްޓިކް ކޮތަޅެކެވެ. އެފައިސާ އޭނާއަށް އަމިއްލަ ކުރެވެން އޮތެވެ. ފޮރުވެން އޮތެވެ. އޭނާހުރީ ކިތަންމެ ވަރަކަށްވެސް ފައިސާޔަށް ބޭނުންވެފައެވެ. އެކަމަކު ފައިސާގެ ވެރިފަރާތުން އެފައިސާ ގެއްލިފައިވާކަން މީޑިއާ މެދުވެރިކޮށް އިއުލާންކުރުމާއެކު މިޒުވާނާވަނީ އޭނާއަށް ފައިސާ ރައްދުކޮށްދީފައެވެ.

މިކަން މިމަގުން ކުރީމާ ވަރަށް ގިނަ ބަޔަކު މިޒުވާނާޔަކީ މޮޔައެއް ކަމަށް ބުނެ މަލާމާތް ކުރިއެވެ. މަރުވާނީވެސް ފަގީރުކަންމަތީގައޭ ބުނެ ފުރައްސާރަ ކުރިއެވެ.

އެމަނުއެލް ޓުލޯއަށް ގިނަ ބަޔަކު މަލާމާތްކުރިޔަސް އޭނާގެ އަމާނާތްތެރިކަމާއި ތެދުވެރިކަން ބަލައިގަނެ އަނެއް ބަޔަކު އޭނާއަށް ތާރީފުކޮށް އިނާމުވެސް ދީފައިވެއެވެ. އެއްކަލަ ފައިސާތަކުގެ ވެރިފަރާތުން އޭނާއަށް ދޮޅުހާސް ޑޮލަރުގެ އިނާމެއް ދިނެވެ. ލައިބީރިޔާގެ ރައީސް ޖޯޖް ވިއާ ވަނީ ދިހަ ހާސް ޑޮލަރުގެ އިނާމެއް ދެއްވައިފައެވެ. މީޑިއާ މެދުވެރިވެގެން ހިންގުނު ފަންޑު އެއްކުރުމުގެ ހަރަކާތްތަކުންވެސް އޭނާއަށް ފައިސާ ދީފައިވެއެވެ.

މީގެ އިތުރުން ލައިބީރިޔާގެ އެންމެ މަގްބޫލު ސެކަންޑަރީ ސްކޫލުން ވަނީ މިޒުވާނާއަށް ސްކޮލަރޝިޕެއްވެސް ދީފައެވެ. ސެކަންޑަރީ ތައުލީމް ފުރިހަމަކުރާ ދުވަހަކުން އޭނާއަށް އެމެރިކާގެ ކޮލެޖަކުން ވަނީ މަތީ ތައުލީމުގެ ފުރުސަތު ހުޅުވައިދީފައެވެ.