ރާއްޖޭގެ ދެކުނުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެ މަސްކިރަން ކިއުގައި ތިބި ދޯނިތައް އިތުުރުވުމުން މިފްކޯއިން މަސް ގަންނަ އަދަދު މިއަދުން ފެށިގެން ލިމިޓްކޮށްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެކުނުގެ މަސްވެރިކަން ތިޔާގިވެ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު އެ ސެންޓަރުތަކުގެ ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސް ކިރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި މަސް ކިރުވަން ދޯނިތައް ކިއުގައިޖެހޭ އަދަދުވެސް އިތުރުވެފައިވާ ކަމަށް ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި ފާއިތުވި ދެ ދުވަހު އެކި ސެންޓަރުތަކަށް ޖުމުލަ 1،390 ޓަނުގެ މަސް ކިރުވަން ދޯނިތަކުން ގޮސްފައިވާ ކަމަށެވެ. އެއީ އެވްރެޖުކޮށް ދޯންޏަކަށް 12 ޓަނު ކަމަށާއި ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނާ ކަމަށް ބުންޏެވެ.
ނަމަވެސް އެ ކުންފުނީގެ ދެކުނުގެ ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 420 ޓަނު ކަމަށްވާ އިރު، މިއަދު މަސްކިރަން ދޯނިތައް ކިއުއަށް އެރި ކިއުގައި 510 ޓަނު މަސް އެބަހުރި ކަމަށްވެސް މިފްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން، ދުވާލަކު 100 ޓަނުގެ މަސްގަނެވޭ، ޖަޒީރާ-102 އިން ގަނެގެންގެންދިޔަ މަސް ފެލިވަރަށް ހުސްކުރުމަށްފަހު މާދާމާ އެނބުރި ކޫއްޑޫ ބަދަރަށް ދެވޭނެ ކަމަށެވެ.
މިފްކޯއިން ބުނީ، މިހާލަތުގައި ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމަށާއި ރަނގަޅު ކޮލިޓީގައި މަސް ގަނެ، ބަހައްޓަން ބޭނުންވާތީ، އިއްޔެ ކިއުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް ކިރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ މިއަދުން ފެށިގެން ކިއުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖްކުރެވެންދެން ދޯންޏަކުން ފަސް ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
ކެޕޭސިޓީއަށްވުރެ ގިނައިން މަސް ލިބޭތީ މިފްކޯ އިން އަންނަނީ ކޯލްޑް ސްޓޯރޭޖްތަކުން ޖާގަ ހޯދަން ކެރިއާ ބޯޓުތައް ގެންގޮސް އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު