ޚަބަރު

މިދިޔަ މަހު 258 ކައިވެނި، 179 ވަރި ކޮށްފައިވޭ

އަލީ ޔާމިން

މިދިޔަ މަހު ފެމިލީ ކޯޓުން 258 ކައިވެނިކޮށްދީފައިވާ އިރު، އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވަރިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމިލީ ކޯޓުން މިއަދު އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ކޯޓުން މިދިޔަ މަހު 179 ވަރިކޮށްދީފައިވެއެވެ. އެއީ އެމަހު ކައިވެނި ކުރި ޖުމުލަ އަދަދާ އަޅާބަލައި އިރު، 69 ޕަސެންޓެވެ.

މިދިޔަ މަހު އެ ކޯޓަށް އަލަށް ހުށަހަޅާފައިވަނީ 230 މައްސަލައެވެ. އޭގެ ކުރީ މަހުގެ ނުނިމި ހުރި މައްސަލަތަކުގެ އަދަދު 308 އަށް އަރައި އިރު، ނިންމި މައްސަލަތަކުގެ އަދަދު 332 އަށް އަރައެވެ. އަދި ބެކްލޮގުގައި 206 މައްސަލަ އެބަ އޮތެވެ.

މިދިޔަ މަހު ވަރީގެ 166 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ނުނިމި ހުރި މައްސަލަތަކުގެ އަދަދު 195 އަށް އަރައި އިރު، ކޯޓުން ނިންމާފައިވަނީ 233 މައްސަލައެވެ.

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 14 މައްސަލައަކާއި އާއިލީ އެހެން މައްސަލަތަކުގެ 55 މައްސަލައެއް ވަނީ ނިންމައިފައެވެ. އަދި ގެވެށި އަނިޔާގެ ހަތް މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވެއެވެ.