ޚަބަރު

ޑީސަލް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ޑީސަލް ކޮންޓްރޯލް ކޮށްގެން ވިއްކާތީ، އިދިކޮޅު ޕީޕީއެމްގެ މެމްބަރު ފަރެސްމާތޮޑާގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ފިއުލްސަޕްލައި މޯލްޑިވްސް އިން، ރާއްޖެއަށް ބޭނުންވާ ވަރަށް ތެޔޮ ނުގެނެވި ޑީސަލް ކޮންޓްރޯލް ކޮށްގެން ވިއްކުމާ ގުޅިގެންނާއި ބައެއް އަތޮޅުތަކުން ޑީސަލް ހުސްވެ، މަސްވެރިންނަށް މަހަށް ނުފުރި، ރާއްޖޭގެ އިގުތިސާދު ހުއްޓުވުމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށެވެ.

ހަމަ އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރިސޯޓުތަކާއި އުޅަނދުފަހަރަށް ތެޔޮ ނުލިބުމުގެ ސަބަބުން އެސިނާއަތުވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ކުންފުނިން ޑީސަލް ފޯރުކޮށްދިނުމުގައި ތަފާތުތައް ގެންގުޅެ، ފިއުލްސަޕްލައިއާ ގުޅުން އޮންނަ ކުންފުނިތަކަށް އެކަނި ތެޔޮ ދޫކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެހެންކަމުން އެކަންތައްތަކަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދީ އަވަސް ފިޔަވަޅުތަކެއް އަޅައި، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކަށް ފާރަވެރިވެ ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް އެތެރެކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.

މި މައްސަލައަށް މަޖިލީހުުގެ ތަޅުމުގައި ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން، އެ މައްސަލައަށް ބަހުސްކުރަން ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއެވެ. ބަހުސްކުރަން ފާސްކުރުމަށް 27 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.