އަވަށްޓެރި ޝްރީލަންކާގައި ހަމަނުޖެހުން ބޮޑުވެ ސިޔާސީ ހަލަބޮލިކަން އިތުރުވަމުންދާ އިރު، ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ އަގުލަބިއްޔަތު ގެއްލިއްޖެއެވެ.

މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ އަގުލަބިއްޔަތު ގެއްލިފައިވަނީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 41 މެމްބަރަކު ކޯލިޝަން ދޫކޮށްލެއްވުމާ ގުޅިގެންނެވެ. ލަންކާގައި ކުއްލި ހާލަތު އިއުލާނުކުރި ފަހުން ބޭއްވުނު ފުރަތަމަ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ރަންޖިތު ސިޔަންބަލަޕިޓިޔަ ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރުގެ މަގާމަށް ހުވާކުރެއްވިތާ 24 ގަޑިއިރު ހަމަނުވަނީސް އެމަގަމާށް އައްޔަންކުރެއްވި ކުރީގެ ވަޒީރު އަލީ ސަބްރީ ވަނީ މިއަދު އިސްތިއުފާދެއްވައިފައެވެ. ހަމަނުޖެހުން ބޮޑުވެފައިވާ ލަންކާގައި ސަރުކާރު ހިންގަމުން އަންނަ ކެބިނެޓަށް ނިސްބަތްވާ 26 މެމްބަރުން އިސްތިއުފާދެއްވުމާ ގުޅިގެން އިއްޔެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ އައްޔަންކުރެއްވި ހަތަރު ވަޒީރުންގެ ތެރޭގައި އަލީ ސަބްރީ ހިމެނިވަޑައިގަންނަވައެވެ.

ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖިތު ސަބްރާލް ވަނީ ސަރުކާރުގެ ކެބިނެޓު އިސްތިއުފާދެއްވުމާ ގުޅިގެން އެމަގާމުން ވަކިވެވަޑައިގެންފައެވެ. ގައުމަށް މިހާތަނަށް އިގުތިސާދީގޮތުން ދިމާވި އެންމެ ބޮޑު ކާރިސާއާ ގުޅިގެން ސިޔާސީގޮތުންނާއި އިގުތިސާދީގޮތުން އަންނަ ބަދަލުތައް ގާތުން ބަލަމުން އަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް މިއަދު ވަނީ ބުނެފައެވެ.

ލަންކާގައި މެދުކެނޑުމެއްނެތި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އިގުތިސާދީގޮތުން ގައުމު އަޑިއަޅާލުމާއެކު އަސާސީ ބޭނުންތަކުން މަހުރޫމުވަމުން އަންނަ ރައްޔިތުންގެ ނުރުހުން ރައީސް ގޮތާބަޔާ ރާޖަޕަކްސައަށާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްވާ ސަރުކާރަށް އަމާޒުވެ ކެނޑިނޭޅި ދަނީ އިސްތިއުފާއަށް ގޮވަމުންނެވެ.

މިފަދަ އެއްވުންތައް ރާވައި ހިންގުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ޓެލެކޮމިިއުނިކޭޝަން އޮތޯރިޓީން މިދިޔަ އާދިއްތަ ދުވަހު މީސްމީޑިއާގެ ގިނަ ހިދުމަތްތައް އާންމުންނަށް ބޭނުން ނުކުރެވޭގޮތަށް ކަނޑާލާފައިވީނަމަވެސް އެ ނިންމުމުގެ ސަބަބުން މައްސަލަ އިތުރަށް ހޫނުވެގެން ދިއުމާއެކު ހިދުމަތްތައް ވަނީ އަލުން އިޔާދަކޮށްފައެވެ.