ޚަބަރު

2013 ގައި އޭސީސީއަށް ފޮނުވި، އެމްޕީއެލް ޕައިލެޓް ބޯޓްގެ މައްސަ، ބެލެން ނެތްކަމަށް އަންގައިފި

އިބްރާހިމް ޒަކީ

ޕައިލެޓް ބޯޓް ޕްރޮޖެކްޓެއްގެ މަސައްކަތް މުއްދަތަށް ނުނިމުމުގެ ސަބަބުން ޕޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ލިބުނު ގެއްލުމުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި 2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވި މައްސަލަ ބެލެން ނެތް ކަމަށް ނިންމައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީން ޖަވާބު ދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އޭސީސީން ފޮނުވި ޖަވާބު ހިއްސާ ކުރައްވަމުން، އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒު ވިދާޅުވީ، 2013 ވަނަ އަހަރު ފޮނުވި މައްސަލައިގެ ޖަވާބު އޭސީސީން އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވީ، ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށެވެ.

މަޖިލީހުން އޭސީސީއަށް ފޮނުވީ، އެމްޕީއެލްއިން ބަޔަކާ ހަވާލުކުރި، ޕައިލެޓް ބޯޓް ޕްރޮޖެކްޓުގެ މަސައްކަތް އެއްބަސްވުމުގައިވާ މުއްދަތަށް ނުނިމުމުގެ ސަބަބުން، ފައިސާއިން ކަނޑަންޖެހޭ ބައި ނުކަނޑައި ދޫކޮށްލުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ މައްސަލަ ބަލައިދިނުމަށެވެ.

މި މައްސަލައިގައި އޭސީސީން ކޮމިޓީއަށްދިން ޖަވާބުގައި ބުނެފައިވަނީ، އެ މައްސަލައިގައި އެ ކުންފުނީގެ އޭރުގެ ބޯޑަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބުތައް ހުރިނަމަވެސް ޖިނާއީ މިންގަނޑުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރަން ބޭނުންވާ ހެކިތައް އެމްޕީއެލްއިން ހޯދިފައި ނުވާކަމަށެވެ.

ގިނަ ދުވަސް ވުމުގެ ސަބަބުން އެކަމާބެހޭ ލިއުންތައް އެކުންފުނީގައި ނެތްކަމަށް، އެ ކުންފުނިން ބުނެފައިވާތީ މި މައްސަލަ އިތުރަށް ތަހުގީގު ކުރެވޭނެ ކަމަށް ނުބެލެވޭތީ، މިހާހިސާބުން މައްސަލަ ނިންމީކަމަށް އޭސީސީން ވަނީ ބުނެފައެވެ.