ޚަބަރު

އެލަވަންސް މައްސަލައިގައި އެއާ ޓްރެފިކް ކޮންޓްރޯލް މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

އެލަވަންސްގެ ފަރަގު ބޮޑުވެފައިވާ މައްސަލައިގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ފެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށެވެ. މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި އެ ޕެޓިޝަނަށް ވަނީ މަޝްވަރާކޮށްފައެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ، އެ ވަޒީފާގެ ޖުމުލަ އުޖޫރައިގެ ބޮޑު ބައެއް ބިނާވެފައިވަނީ ރޭޓިން އެލަވަންސްގެ މައްޗަށް ކަމަށެވެ.

ރޭޓިން އެލަވަންސް ބިނާވެފައިވަނީ ކޮންޓްރޯލަރުންނަށް ލިބޭ ތަމްރީނުތަކަށް ކަމަށާއި މިދިޔަ އަހަރުގެ ޖޫން މަހު އެއާ ޓްރެފިކު ސާވިސް، ދެ ޔުނިޓަކަަށް ބަދަލު ކުރުމުން މާލޭ ޓަވަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކެރިއާ ޕްރޮގްރެސް ވުމަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން މޯލްޑިވްސް އެއާ ޓްރެފިކު ކޮންޓްރޯލް ސެންޓަރު (އެމްއޭޓީސީސީ) ޔުނިޓަށް ގިނަ އަދަދެއްގެ ތަމްރީނުތަކެއް ހިމަނާފައި އޮތުމުން، ޓަވާ ޔުނިޓުގެ މުވައްޒަފުންނާއި އެމްއޭޓީސީސީގެ މުވައްޒަފުންނަށް ލިބޭ ރޭޓިން އެލަވަންސްގެ ފަރަގު ވަރަށް ބޮޑުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން އެމްއޭޓީސީސީއަށް އަލަށް ވަޒީފާއަށް ނަގާ މުވައްޒަފުންގެ ރޭޓިން އެލަވަންސް ޓަވާ ޔުނިޓުގައި 10 އަހަރާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ރޭޓިން އެލަވަންސަށްވުރެ 50 ޕަސެެންޓް ބޮޑުކަން ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ.

އެއީ ބޮޑު ބޭއިންސާފެއް ކަމަށާއި، އެމްއޭޓީސީސީގެ މެނޭޖްމެންޓާއި އެމްއޭސީއެލްގެ ވެރިންގެ ސަމާލުކަމަށް އެ މައްސަލަ ތަކުރާރުކޮށް ގެނައި ނަމަވެސް އެކަމަށް ދިނީ ބީރު ކަންފަތެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ޕެޓީޝަންގައި އެ މުވައްޒަފުން އެދިފައިވަނީ ތަމްރީނުތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމުކޮށް، ކޮންޓްރޯލަރުންނަށް ހާއްސަކޮށްފައިވާ ރޭޓިން އެލަވަންސް ސިސްޓަމް ބަދަލުކޮށް، އެއާ ޓްރެފިކު ކޮންޓްރޯލަރުން، ކޮންޓްރޯލް ލައިސަންސްގެ ހިދުމަތްކޮށްފައިވާ އަހަރުތަކަށް ބިނާކޮށް އެލަވަންސް ކަނޑައެޅުމަށެވެ.