ދުނިޔެ

އަދުގެ ދުނިޔެ: އިމްރާން ޚާންގެ ނިންމެވުންތަކުގެ ސަބަބުން ޕާކިސްތާން ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް!

އިމާދު ލަތީފު

ޕާކިސްތާނުގެ ސިޔާސީ މަސްރަހު އަނެއްކާވެސް އައުގޮތަކަށް އާދީއްތަ ދުވަހު ވަނީ ފުރޮޅިގެން ގޮސްފައެވެ. ބޮޑުވަޒީރު އިމްރާން ޚާންގެ އެދިވަޑައިގަތުމަކަށް ރައީސް ޑރ.އާރިފުއްރަހުމާން އަލްވީ ވަނީ ޕާލަމެންޓް އުވާލައްވައިފައެވެ. ރައީސް އާރިފް ނިސްބަތްވެ ވަޑައިގަންނަވަނީ ބޮޑުވަޒީރު އިމްރާނުގެ ތަހުރީކީ އިންސާފު ޕާޓީއަށެވެ. ޕާލަމެންޓް އުވައިލެވުނީ އިމްރާން ޚާނަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު މެންބަރުން އުޅުމުންނެވެ. މިވަގުތު ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ފަރާތްތަކަށެވެ. އިތުބާރުނެތްކަމުގެ ވޯޓަށް ހުރަސްއެޅުއްވީ ޕާލަމެންޓްގެ ސްޕީކަރެވެ. އޭނާ ވިދާޅުވީ އިމްރާނު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ބޭރު ގައުމަކާ ގުޅިގެން އިދިކޮޅުން ކުރާ މަސައްކަތެެއް ކަމަށާއި އެހެންވެ އެއީ ޣައިރުގާނޫނީ މަސައްކަތެއް ކަމުގައެވެ. ޣައިރުގާނޫނީ ވޯޓެއް ނުނެގޭނޭ ކަމުގައެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ ޕާލަމެންޓްގެ ސްޕީކަރުގެ ނިންމުން ކުށްވެރިކޮށް އެއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ. އިތުބާރުނެތް ކަމުގެ ވޯޓަށް ހުރަސްއެޅުމުގެ މައްސަލަޔާއި ޕާލަމެންޓް އުވައިލުމުގެ މައްސަލަޔާއި އަވަސް އިންތިޚާބެެެއް ބޭއްވުމަށް އިމްރާން ނިންމެވި ނިންމެވުމުގެ މައްސަލަ އިދިކޮޅު ޕާޓީތަކުން މިހާރު ވަނީ ސްޕްރީމް ކޯޓަށް ހުށައަޅައިފައެވެ. އެ ކޯޓުން ލަސްތަކެއް ނުވެ މައްސަލަ ބަލައި ހުކުމެއް އިއްވާނެއެވެ. ފުރަތަމަ އަޑުއެހުން ހޯމަދުވަހަށް ވަނީ ތާވަލްވެސް ކޮށްފައެވެ. ޕާލަމެންޓް އުވައިލުމާއެކު ބޮޑުވަޒީރު އިމްރާން ވަނީ ކެބިނެޓްވެސް އުވާލައްވައިފައެވެ. މިހުރިހާ ކަމަކާއެކު ޕާކިސްތާނު މިވަގުތުއޮތީ ގާނޫނީ ވަރަށް ބޮޑު ހުސްކަމެއްގެ ތެރޭގައެވެ. ކަންކަން ގޯހުން ގޯހަށް ބަދަލުވެގެން ދިޔުމުގެ ބިރު ވަރަށް ބޮޑެވެ. ސިފައިން އިންގިލާބެއް ގެނައުމުގެ ބިރުވެސް ނުހަނު ބޮޑެވެ.

އިމްރާން ޚާންގެ ނިންމެވުން ގާނޫނީ ގޮތުން ގޯހޭ ބުނުމަށް އޮތީ ދެ ސަބަބެކެވެ. އެއްސަބަބަކީ ޕާލަމެންޓްގެ ސްޕީކަރު މެދުވެރިކޮށް އިތުބާރުނެތް ކަމުގެ ވޯޓަށް ހުރަސްއެޅުމާއި ވޯޓު ނެގިޔަ ނުދިނުމެވެ. އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނޭ ކަމެއް ނޫންކަމަށް އިދިކޮޅުން ބުނެއެވެ. ޕާލަމެންޓްގައި އިމްރާނަށް އަޣުލަބިއްޔަތެެއް ނެތެވެ. އެހެންވީމާ އެވޯޓުން އިމްރާން ބަލިވާނެކަން ގާތްގަޑަކަށް އޮތީ ކަށަވަރުވެފައެވެ. ސްޕީކަރުގެ ގާނޫނީ ޒިންމާޔަކީ ޕާލަމެންޓުގައި ވޯޓުގެ ކަންކަން ތާވަލްކޮށް ވޯޓު ނެގީމާ އެވޯޓު ގުނައި ނަތީޖާ އިއުލާން ކުރުމެވެ. ކާކު ގުޅިގެން އުޅެނީ ކާކާތޯ ބަލައި މެންބަރުންގެ އިޚުލާސްތެރިކަން މިނެކިރުމަކީ އޭނާގެ ޒިންމާއެއް ނޫނެވެ. އެހެންވީމާ ސްޕްރީމް ކޯޓުން މިމައްސަލައިގައި އިމްރާނާއި ދެކޮޅު ހުކުމެއް ނެރޭނޭ ކަމަށް އިދިކޮޅުން ވަރަށް ބޮޑަށް އުންމީދު ކުރެއެވެ.

ޕާކިސްތާނުގެ މިނިވަންކަމަށް 75 އަހަރު ފާއިތުވެގެންދިޔައިރު އަދި މިހާތަނަށް ދުވަހަކުވެސް ބޮޑުވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެެއް ނުވެއެވެ. ސިފައިންގެ އިންގިލާބަކުން، ރައީސްގެ ގަރާރަކުން ބޮޑުވަޒީރު މަގާމުން ދުރުކުރުން، ނުވަތަ ބޮޑުވަޒީރު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަހަލަ ކަމެއް މެދުވެރިވެގެން ދައުރު ފުރިހަމަ ނުކުރެވެނީއެވެ. އާދީއްތަ ދުވަހު ޕާލަމެންޓްގައި އިތުބާރުނެތްކަމުގެ ވޯޓު ނެގިނަމަ އިމްރާނު ވާނީ އެގައުމުގެ ތާރީޚުގައިވެސް އިތުބާރުނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރެވުނު ފުރަތަމަ ބޮޑުވަޒީރަށެވެ. އެހެންވީމާ ވޯޓަށް ހުރަސްއެޅުމާއެކު ޕާލަމެންޓް އުވައިލުމުގެ ނިންމުމަކީ މިކަމުން މިންޖުވުމުގެ ފިޔަވަޅަކަށް ވެދާނެއެވެ. އަދި އިމްރާނަށް ނުކުރެވޭ ވެރިކަމެއް އައު އިންތިޚާބަކާ ނުލައި އެހެން މީހަކަށްވެސް އަދި އެހެން ޕާޓީއަކަށްވެސް ނުކުރެވޭނޭކަން ދެއްކުމުގެ ފިޔަވަޅަކަށް ވެދާނެއެވެ.

އާދީއްތަ ދުވަހުގެ ޑްރާމާތަކުގެ ކުރިން ޕާކިސްތާނުގެ ދާޚިލީ ވަޒީރު ވަނީ އައު ކަންތައްތަކެއް ކުރަން ނިންމަންވެސް ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް މަނާކުރަން ޖެހިއްޖެނަމަ ސަރުކާރުން އެކަންވެސް ކުރާނޭ ކަމުގައެވެ. އަދި ސިފައިން ނެރެގެން އިދިކޮޅު ޕާޓީތައް މައިތިރިކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭ ކަމުގައެވެ. މިފަދަ ވާހަކަތަކުން ކަށަވަރުވަނީ ވެރިކަމުގައި ދެމިހުންނެވުމަށް ކޮންމެފަދަ ފިޔަވަޅެއްވެސް އަޅުއްވަން އިމްރާން ޚާން ތައްޔާރަށް ހުންނެވި ކަމެވެ. މިވާހަކަ ހުސްވި ހަފުތާގައި ނުސީދާ ގޮތަކަށް އޭނާ ވިދާޅުވެފައިވެސް ވެއެވެ. އިމްރާން ވިދާޅުވެފައިވަނީ ކޮންމެކަހަލަ ނަތީޖާއަކާ ކުރިމަތިލާން ޖެހުނަސް އިދިކޮޅު ޕާޓީތަކަށް ދޫދިނުމެއް ނެތްކަމަށާއި އިސްތިއުފާ ދިނުމެއްވެސް ނެތް ކަމުގައެވެ.

ޕާލަމެންޓް އުވައިލެއްވިޔަސް އިމްރާނަށް ވެރިކަމުގައި ދެމިހުންނެވޭނީ އައު އިންތިޚާބެެއް ބާއްވައިގެން ރައްޔިތުން އޭނާ ބަލައިގެންފިނަމަ އެވެ. އިމްރާން ވިދާޅުވާ ގޮތުން ރައްޔިތުންގެ ތާއީދު އޭނާއަށް އެބައޮތެވެ. އެގޮތުން އިމްރާން ވަނީ އިންތިޚާބުގައި އޭނާޔާއި އޭނާގެ ތަހުރީކީ އިންސާފު ޕާޓީއާ ކުރިމަތިލުމަށް އިދިކޮޅު ޕާޓީތަކަށް ގޮވާލައްވައި ގޮންޖައްސަވައިފައެވެ. ޕާލަމެންޓް އުވާލައިފިއްޔާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި އާއްމު އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. އިމްރާނަށް ވެރިކަމުގައި ހުންނެވޭނީ ގިނަވެގެންވެސް އެހިސާބަށެވެ. ސްޕްރީމް ކޯޓުން މައްސަލަ ބަލައިފައި އިމްރާންގެ ނިންމެވުން ގޯސްކޮށްފައި ޕާލަމެންޓް ރުޖޫއަކޮށްފިއްޔާ އެހިސާބުންވެސް އިމްރާނުގެ ވެރިކަން ނިމޭނެއެވެ. ސިފައިން ބުނެފައިވަނީ މިކަމުގައި އަސްކަރިއްޔާއިން ކުޅޭނޭ ދައުރެއް ނެތްކަމުގައެވެ.