ބޮޑުވަޒީރު މަހިންދުރަ ރާޖަޕަކްސަ ފިޔަވާ ލަންކާގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން އިސްތިއުފާ ދެއްވައިފިއެވެ.
ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައި ވަނީ މިރޭ ކުރިއަށް ދިޔަ ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުވުމަށްފަހު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެ ކަމަށް މީގެކުރިން މީޑިއާތަކުގައި ފެތުރުނު ހަބަރު ބޮޑުވަޒީރުގެ އޮފީހުން ވަނީ ދޮގުކޮށްފައެވެ.
ބައްދަލުވުމަށްފަހު އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި ދިނޭޝް ގުނަވަރްދަނަ ވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔަވައި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 26 މެމްބަރުން އިސްތިއުފާ ދެއްވިކަން ޔަގީންކޮށްދެއްވައިފައެވެ.
ކެބިނެޓަށް ނިސްބަތްވެ ވަޑައިގަންނަވާ ރާޖަޕަކްސަގެ އާއިލީ މެމްބަރު ނަމަލް ރާޖަޕަކްސަ ވަނީ ޔޫތު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހަބަރު ޓުވިޓާގައި މިރޭ ހިއްސާކުރައްވައިފައެވެ. ނަމަލް ރާޖަޕަކްސަ އަކީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ފިރިހެން ދަރިފުޅު އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސައަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ކެބިނެޓު އެއްކޮށް މިރޭ އިސްތިއުފާ ދެއްވާފައިވަނީ ގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެގައުމުގައި ކުއްލި ހާލަތު އިއުލާނުކުރައްވާފައި ވަނިކޮށެވެ. މީގެ އިތުރުން ގައުމުގެ އިގުތިސޯދު އަޑިއަޅާލައި ތަކެތީގެ އަގުބޮޑުވުމާއި ޒަރޫރީ ހިދުމަތްތަކުން އާއްމުން މަހުރޫމުވެ، ކަރަންޓުގެ ހިދުމަތް މެދުކަނޑަމުން ދިއުމާ ގުޅިގެން އާއްމުން އަންނަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. ފުލުހުންނާ ކުރިމަތިލައި އެގައުމުގެ އެކި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހޯމަ ދުވަހުގެ ހެނދުނު 6.00 އާ ހަމައަށް އެގައުމުގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ