ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.

ލަންކާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މަހިންދާ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިފާދެއްވުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް މިއަދު ސިޓީ ހުށަހަޅުއްވައިފައެވެ.

މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވުމުން ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭނެއެވެ. އާ ކެބިނެޓެއް އެކުލަވާލި ނަމަވެސް ރައީސްކަމުގެ މަގާމުގައި ގޮތަބަޔާ ރާޖަޕަކްސަ ދެމިހުންނަވާނެއެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި ނަމަވެސް، ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި އިސްތިއުފާ ގަބޫލުފުޅުކުރައްވާފައި ނުވާ ކަމަށް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނެއެވެ.

މީގެ ކުރިން ލަންކާގެ ރައީސް އަދި ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ އެންމެ ފަހުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސަ، 2019 ވަނަ އަހަރުގެ އިންތިހާބުގައި ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމަށްފަހުއެވެ. އަލުން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވިތާ އަހަރެއް ނުވަނީހެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، އެކަމަށް ހައްލެއް ހޯދިފައިނުވާތީ އާންމު ރައްޔިތުން މުޒާހަރާތައް ކުރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެ މުޒާހަރާތަކުގައި އިސްތިއުފާއަށް ގޮވާލައި، ހަމަނުޖެހުންތައް ވެސް ދަނީ ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ އެގައުމުގައި ކުއްލި ހާލަތު ވެސް އިއުލާންކޮށްފައެވެ. އަދި މާދަމާ ހެނދުނު 6:00ގެ ނިޔަލަށް ކާފިއު ހިންގުމަށް ވެސް ވަނީ ނިންމައިފައެވެ.

ލަންކާގެ އިގުތިސާދު ހީނަރުވެ ބޭރު ފައިސާ ލިބުން ދަތިވެގެން ގޮސްފައިވާ އިރު، އެގައުމުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް %70 އަށް ވެއްޓި އިމްޕޯޓު މުދާ އެތެރެކުރުމަށް ވަނީ ބުރޫ އަރައިފައެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ކާޑުގެ ބާވަތްތައް ލިބުން ދަތިވުމުގެ އިތުރުން ތެލާއި ހަކަތަ ލިބުން އިންތިހާއަށް ދަތިވެ އެގައުމުގައި އަންނަނީ ކަރަންޓުގެ ހިދުމަތްވެސް 13 ގަޑިއިރަށް ކަނޑަމުންނެވެ.

ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖެނެރޭޓަރުތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގެ ގޮތުން ލަންކާގައި ހުންނަ އިންޑިއާގެ ތެލުގެ ސަބްސިޑިއަރީ ކުންފުނި އޯއައިސީ - އިންޑިއަން އޮއިލް ކޯޕަރޭޝަނުން ވަނީ 6000 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދޭން ނިންމައިފައެވެ. އޭގެ އިތުރުންވެސް ލަންކާގައި އާންމުން ކާޑުގެ ބާވަތްތަކަށް ޖެހިފައިވާ އިރު، އިންޑިއާއިން ވަނީ 40،000 ޓަނުގެ ހަނޑޫ ކަނޑުމަގުން އެގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި އިއްޔެ ބުނެފައެވެ.

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް އެގައުމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވާހަކަތަކެއްވެސް އިއްޔެ ވަނީ މީޑިއާގައި ދައުރުވެގެން ގޮސްފައެވެ. ނަމަވެސް ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ހަބަރުތައް ދޮގުކޮށްފައެވެ.

ޑިފެންސް މިނިސްޓްރީގެ ސެކްރެޓަރީ ކަމަލް ގުނަރަތުނެ ލަންކާ މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ އެގައުމުގައި އިތުރު ގައުމެއްގެ ސިފައިން ހަރަކާތްތެރިވަމުން ނުދާ ކަމަށާއި ގައުމުގެ ހާލަތު ކޮންޓްރޯލުކުރުމުގެ ކުޅަދާނަކަން އެގައުމުގެ ދިފާއީ ބާރަށް ލިބިފައިވާ ކަމަށެވެ. އަދި މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަކީ މީގެ އަހަރެއް ކުރިން ލަންކާގައި އިންޑިއާ ސިފައިން ކުރިއަށްގެންދިޔަ ތަމްރީނުތަކެއްގެ ފޮޓޯތަކެއް ކަމަށްވެސް ގުނަރަތުނެ ވަނީ ޔަގީންކޮށްދެއްވައިފައެވެ. ޑިފެންސް މިނިސްޓްރީގެ އިތުރުން އިންޑިއާގެ ހައިކޮމިޝަނުންވެސް ވަނީ ދައުރުވަމުން ދަނީ ދޮގު ހަބަރެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.