މިވަގުތު ގައުމަށް ދިމާވެފައިވާ އިގުތިސާދީ އަނދަވަޅުން އަރައިގަނެ ގައުމު އާރާސްތުކުރުމަށް މިހާރުގެ ކެބިނެޓު އުވާލައި އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ކުރީ ސަރުކާރުގެ މިނިސްޓަރު ވިމާލް ވީރަވަންސަ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން ވިމާލް ވިދާޅުވީ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދުރަ ރާޖަޕަކްސައަށް މި ހުށަހެޅުން ހުށަހަޅުއްވާފައިވާ ކަމަށާއި އަދި އެކަމަށް އިންކާރުކުރައްވާފައި ނުވާ ކަމަށެވެ. މި ބައްދަލުވުމުގައި ކުރީގެ ވަޒީރު އުދާޔާ ގަމަންޕިލަ، ވަސުދެވާ ނަނަޔައްކަރަ އަދި ތިރަން އަލެސް ވަނީ ބައިވެރިވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މިހާރުގެ ކެބިނެޓް ނުކުޅެދިފައިވާ އިރު، ކެބިނެޓު އުވައިލެއްވުމަށްފަހު ހުރިހާ ޕާޓީތަކަށް ނިސްބަތްވާ ކެބިނެޓެއް އެކުލަވާލައި އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށް ވިމާލް ވަނީ ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި އިންތިހާބަކަށް ދިއުމުގެ ބަދަލުގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަކީ އެންމެ ރަނގަޅު ހައްލު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިމާލް ވަނީ ފާހަގަކުރައްވައިފައެވެ.

ލަންކާގައި އާ ކެބިނެޓެއް އެކުލަވާލައި ބޮޑުވަޒީރު މަހިންދުރަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވިފައިވާ އިރު، އެކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ލަންކާގެ ހަބަރުތައް ބުނެއެވެ.

އިގުތިސާދީ އަނދަވަޅަކަށް ގައުމު ވައްޓާލުމާ ގުޅިގެން ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް އާއްމުންގެ ގިނަ ބަޔަކު ގޮވަމުންދާ އިރު، އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުއްލި ހާލަތު އިއުލާނުކޮށް، މާދަމާ ހެނދުނު 6.00 އާ ހަމައަށް ކާފިއުވެސް ވަނީ އިއުލާނުކޮށްފައެވެ.

އޭގެ އިތުރުން ލަންކާގައި ގިނަ މީސްމީޑިއާތަކުގެ ހިދުމަތްތައް ބޭނުން ނުކުރެވޭގޮތަށް އެގައުމުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން މިއަދު ކަނޑާލާފައިވާ އިރު، ރައީސަށް ބޮޑުބޭބެ ވިދާޅުވާ އަދި ގައުމުގެ ޔޫތު މިނިސްޓަރު ނަމަލް ރާޖަޕަކްސަގެ ފާޑުކިޔުންތަކާއެކު މިއަދު ވަނީ ހިދުމަތްތައް އަލުން ގުޅައިދީފައެވެ.