ޚަބަރު

ރޯދަމަހު ވަކި ވަގުތެއްގައި މާރުކޭޓް ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާވާނެ

މުހައްމަދު އިޝާން

ރޯދަމަހުގެ ވަކި ވަގުތުތަކެއްގައި މާރުކޭޓް ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދުތައް ވަނުން މަނާވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ‏މާރުކޭޓު ސަރަހައްދުގެ ޓްރެފިކް މެނޭޖުކުރުމަށްޓަކައި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ 13:00 އިން 18:00 އަށް އެ ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރެވޭނެ ކަމަށެވެ.

"މާރުކޭޓު ސަރަހައްދުގެ ޓްރެފިކް މެނޭޖުކުރުމަށްޓަކައި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ 13:00 އިން 18:00 އާ ހަމައަށް އެ ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން" ފުލުހުން ބުންޏެވެ.

ފުލުހުން އާއްމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގުން ވަކި ސަރަހައްދެއް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ފާރުކެނޑި ހިނގުމާ ހިސާބުން ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް މޫސާ އިބްރާހީމް ދީދީ ގޯޅިގެން ފެށިގެން ހަވީރީ ހިނގުމުން ހުޅަނގަށް ގޮސް ފާރުކެނޑި ހިނގުމާ ހަމަޔަށް އޮންނަ ސަރަހައްދަށް އެވަގުތުގައި ނުވަދެވޭނެއެވެ.

ކޮންމެ ރޯދަ މަހަކު މާރުކޭޓް ސަރަހައްދު ވަރަށް ބާރުބޮޑުވެއެވެ. ހާއްސަކޮށް އެސަރަހައްދަކީ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓްގެ އިތުރުން ހޯލްސޭލް ގިނަ ފިހާރަތަކެއްވެސް ހުންނަ ސަރަހައްދެކެވެ. އަދި ރަށްރަށުން މުދާ ހިފައިގެން އަންނަ ނާލުބޯޓުތައް ވެސް ގާތްކުރަނީ އެ ސަރަހައްދަށެވެ. އެހެންކަމުން އެސަރަހައްދަށް މީހުން އެއްޗެހި ގަންނަން ދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، އެސަރަހައްދުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވެއެވެ.

ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ޓްރެފިކް މެނޭޖް ކުރުމަށް ވަކި ވަގުތެއްގައި އެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ވަނުން ފުލުހުން މަނާކުރެއެވެ.