ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ، އެގައުމުގެ މަޖިލިސް މިއަދު އުވާލައްވައިފިއެވެ.

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ މިއަދު މަޖިލިސް އުވާލައްވާފައިވަނީ ބޮޑުވަޒީރު އިމްރާން ހާން އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. މީގެ ސަބަބުން އެގައުމުގައި އިންތިގާލީ ސަރުކާރެއް ކުރިއަށް އޮތް އަށް ދުވަހުގެ ތެރޭގައި ގާއިމުކުރެވި، ތިން މަސްދުވަހުގެ ތެރޭގައި އެގައުމުގައި އިންތިހާބެއް ބާއްވަން ގާނޫނު ލާޒިމުކުރެއެވެ.

ޕާކިސްތާނުގެ މިނިސްޓަރު ފަވާދު ޗޯދުރީ ކުރެއްވި ޓުވީޓެއްގައި ވަނީ ގާނޫނީ ކެބިނެޓު އުވާލައްވާފައިވާކަންވެސް ހާމަކުރައްވައިފައެވެ. އަދި ޕާކިސްތާނުގެ ގާނޫނުގެ 224 ވަނަ މާއްދާގެ ދަށުން ބޮޑުވަޒީރު އިމްރާން ހާން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާނެކަމުގައި ވަނީ ބަޔާންކުރައްވައިފައެވެ.

ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގައުމީ މަޖިލީހުގައި ކުޑަ ވަގުތުކޮޅަކަށް މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވުމަށްފަހު އިތުރަށް ކުރިއަށް ނުގެންދަން މަޖިލީހުގެ ނައިބު ވަނީ ނިންމަވައިފައެވެ. މިއަދުގެ ޖަލްސާގައި މިނިސްޓަރު ފަވާދު ޗޯދުރީ ވަނީ މިއީ ބޭރުގެ ހާރިޖީ ސަރުކާރަކުން ޕާކިސްތާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށާއި ވެރިކަން ފުރޮޅާލުމަށް ރޭވިގެން ކުރިއަށްގެންދާ ކަމެއްގެ ގޮތުގައި ތުހުމަތުކުރައްވައިފައެވެ. މިކަމުގެ ތެރޭގައި ހާރިޖީ މައްސަލަތަކެއް ހިމެނޭތީ ގައުމުގެ ސަލާމަތަށްޓަކައި އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކުރިއަށް ނުގެންދަން މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީ ވަނީ ނިންމަވައިފައެވެ.

މި މައްސަލައިގައި ސަރުކާރާ އިދިކޮޅު ކޯލިޝަނުން އަންނަނީ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ހުއްޓުމަކަށް ގެނައުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުން ކަމަށް އިދިކޮޅު ޕާޓީގެ ލީޑަރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވަނީ ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މަޖިލީހުގެ ނައިބު ބާތިލުކުރެއްވުމާއެކު ބޮޑުވަޒީރު އިމްރާން ހާން ވަނީ ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އިމްރާންގެ ވާހަކަފުޅުގައި ރައީސް އާރިފް އާލްވީގެ އަރިހުން މަޖިލީސް އުވައިލެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބު ބޭއްވެން ވާނީ ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވެ އިންތިހާބަކަށް ތައްޔާރުވުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

އިމްރާން ހާންގެ ވާހަކަފުޅުގައި އެބޭފުޅާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ނިންމަވާފައިވަނީ ބޭރުގެ ފަރާތްތައް އޭގެ ފަހަތުގައި ތިބެގެން ކަމަށާއި ގައުމު ހިންގާނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންނަށް ކަމުގައި ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ޕާކިސްތާނުގެ ތާރީހުގައިވެސް އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަވަންދެން މަގާމު ފުރިހަމަކުރެވިފައެއް ނުވެއެވެ.