ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖް ތުރުކީގެ ގަލިޕޮލީ ކަނޑުއޮޅީގައި ހުޅުވައިފިއެވެ. މި ބްރިޖްގެ އެއްޓަވަރުން އަނެއް ޓަވަރަށް ދެކިލޯމީޓަރުގެ ރާސްތާއެއް ހުރެއެވެ.
މި ބްރިޖުގެ ނަމަކީ 1915 ކެނައްކަލޭ ބްރިޖެވެ. މިނަން ނިސްބަތްވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި މި ކަނޑުއޮޅީގައި އިނގިރޭސި ލަޝްކަރުގެ މައްޗަށް ތުރުކީގެ ސިފައިން ހޯދި ތާރީޚީ ކާމިޔާބީއަކަށެވެ.
މި ބްރިޖް ހެދުމަށް ޚަރަދުވެފައިވަނީ 2.7 ބިލިޔަން ޑޮލަރެވެ. ބްރިޖް އެޅުމަށް ކުރަން ޖެހުނު ޚަރަދު ބޮޑަސް ގާތްގަޑަކަށް ފަސް އަހަރުގެ ތެރޭގައި މީގެ ފައިދާ ފެންނާނެއެވެ. މިބްރިޖް ނާޅާއިރު ގަލިޕޮލީ ކަނޑުއޮޅީގެ ެެއެއް އައްސޭރިން އަނެއް އައްސޭރިއަށް ފެރީގައި ދާން 90 މިނިޓް ހޭދަވެއެވެ. މިހާރު އެންމެ ހައެއްކަ މިނިޓް ތެރޭގައި ހުރަސްކޮށްލެވެއެވެ. ކުރިން ފެރީތައް އޮޕަރޭޓް ކުރުމުގެ ޚަރަދަށް އަހަރަކު ގާތްގަޑަކަށް 500 މިލިޔަން ޑޮލަރު ހޭދަވެއެވެ.
ގަލިޕޮލީ ކަނޑުއޮޅިއަކީ ތުރުކީގެ ޔޫރަޕުގެ ފަޅިޔާއި އޭޝިޔާގެ ފަޅިޔާ ދެމެދު އޮންނަ ކަނޑުއޮޅިޔެކެވެ. ކެނައްކަލޭ ބްރިޖުން ގުޅުވައިލަނީ ޔޫރަޕުގެ ފަޅީގައި އޮންނަ ގެލިބޮލޫ އާއި އޭޝިއާގެ ފަޅީގައި އޮންނަ ލަޕްސޭކީ އަވަށެވެ.
ގަލިޕޮލީ ކަނޑުއޮޅިއަކީ އެސަރަހައްދުގައި އޮންނަ މިފަދަ ދެވަނަ ކަނޑުއޮޅިއެވެ. މި ކަނޑުއޮޅިޔަކީ އީޖިއަން ކަނޑާއި މަމާރާ ކަނޑު ގުޅުވައިދޭ ކަނޑުއޮޅިއެވެ. އަނެއް ކަނޑުއޮޅިޔަކީ އިސްތަންބޯލްގެ ތެރެއިންލާފައި ބްލެކްސީ އާއި މަމާރާ ކަނޑު ގުޅުވައިދޭ ބޮސްފޯރަސް ކަނޑުއޮޅިއެވެ.
ޔޫރަޕާއި އޭޝިއާ ގުޅުވައިލުމުގެ ގޮތުން ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބުރިޖު ތުރުކީގެ ގަލިޕޮލީ ކަނޑުއޮޅީގައި އެޅުމުގެ އެންމެހައި މަސައްކަތްކުރީ ދެކުނު ކޮރެޔާގެ ކުންފުންޏަކުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ