މީގެ ކުރިން ފިލްމު ޝޫޓިން އެއްގެ ތެރެއިން ލިބުނު އަނިޔާއެއްގެ ސަބަބުން ފައި ބުރިކޮށްލަން ޖެހިދާނެކަމަށް ޑޮކްޓަރުން އެންގި ކަމަށް ބޮލީވުޑްގެ އެކްޝަން ހީރޯ ޖޯން އަބްރަހަމް ބުނެފިއެވެ.
އެކްޝަން ރޯލުތަކުން މަޝްހޫރު ޖޯން އަބްރަހަމް ބޮޑަށް ފާހަގަކޮށްލެވެނީ ފިލްމުތަކުގައި އޭނާގެ އަމިއްލަ ސްޓަންޓުތައް ހަދާތީއެވެ. ނަމަވެސް އޭގެ ތެރޭގައި އޭނާއަށް މިހާތަނަށް ބޮޑެތި އަނިޔާތައްވެސް ވަނީ ލިބިފައެވެ. އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޖޯން ވަނީ މީގެ 7 އަހަރު ކުރިން ފިލްމު ''ފޯސް 2''ގެ މަންޒަރުތައް ނަގަމުން ދަނިކޮށް ފަޔަށް ލިބުނު އަނިޔާގެ ވާހަކަތައް ހިއްސާކޮށްފައެވެ.
ޖޯން ބުނިގޮތުގައި އެ ފިލްމުގެ ސްޓަންޓެއް ހަދަނިކޮށް އޭނާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެ ތިން ސާޖަރީއެއް ވަނީ ހަދައިފައެވެ. އަދި އެ ހާދިސާގެ ސަބަބުން ލޭ ދައުރުވުން ހުއްޓި ޓިޝޫތައް މަރުވާން ދިމާވާ ބައްޔެއް ކަމަށްވާ ގެންގްރީންގެ ސަބަބުން އޭނާގެ ކަނާތު ފައި ބުރިކޮށްލެން ޖެހޭނެކަމަށް ޑޮކްޓަރުން އެންގިކަމަށްވެސް ޖޯން ވަނީ ބުނެފައެވެ. ނަމަވެސް ހުރިހާ ޝުކުރެއް ހައްގުވަނީ އޭނާއަށް ފަރުވާކުރި ޑރ. ރާޖޭޝް މާނިއަރަށް ކަމަށާއި ޑޮކްޓަރުގެ ކުޅަދާނަކަމާއެކު ފައި ބުރިކޮށްލަން ނުޖެހި ސަލާމަތްވެފައިވާކަން ޖޯން ވަނީ ފާހަގަކޮށްފައެވެ. އެ ހާދިސާއަށް 7 އަހަރު ވެފައިވާއިރު މިއަދު އޭނާ އަކީ ރަނގަޅަށް ހިނގައިބިނގާވެ އުޅެވޭ މީހެއް ކަމަށާއި ކުރިއެކޭ އެއްގޮތަށް ފިޓުކޮށް އުޅެވޭ މީހެއް ކަމަށްވެސް ޖޯން ވަނީ ބުނެފައެވެ.
ޖޯން ފާހަގަކުރިގޮތުގައި އޭނާ އެންމެ ކުޅޭ ހިތްވަނީ އެކްޝަން ރޯލުތަކެވެ. ދޭތެރެއަކުން އެކްޝަން ރޯލުތަކުން ބްރޭކެއް ނަގައި އެހެން ރޯލެއް ކުޅުނު ނަމަވެސް، އެކްޝަން ރޯލުތަކަށް އެނބުރި އައުމަށް ލޯބިކުރާކަމުގައި ޖޯން ވަނީ ބުނެފައެވެ.
އޭނާގެ ތަޖުރިބާ ހިއްސާކޮށް ސްޓަންޓުތައް ހަދާއިރު ވަރަށް ފަރުވާތެރިވާން ވާނެކަމުގައި ޖޯން ވަނީ ނަސޭހަތްތެރިވެފައެވެ. އެހެން މީހުންނަށް ތިމާގެ މޮޅުކަން ދެއްކުމުގެ ގޮތުން އެއްތަނުން އަނެއް ތަނަށް ފުންމަން ނުޖެހޭ ކަމަށާއި ބައެއް ފަހަރު ކުރަން އުޅޭ ކަމުގެ ނުރައްކަލުގެ ބޮޑުމިން ވަޒަންކުރެވެނީ އަނިޔާ ވުމުން ކަމުގައިވެސް ޖޯން ވަނީ ފާހަގަކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން