އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ ފިލްމީ ތަރި ސަންޖޭ ދަތު ސިނަމާއަށް އޮތް ލޯބި ބަންޑުންކޮށްލައިފިއެވެ.
ގިނަ ގޮންޖެހުންތައް މެދުވެރިވެ، ފިލްމީ ދާއިރާއިން ދޭތެރެ ދޭތެރެއިން ގެއްލެމުން ދިޔަ ނަމަވެސް ސަންޖޭދަތަކީ ފިލްމު އިންޑަސްޓްރީގައި ދެގޮތެއް ނުވެ ސާބިތުވެ ހުރި ތަރިއެކެވެ. އޭނާ އެންމެ އަވަހަށް ފެނިގެންދާނީ މިހާރު ރިލިސްވާން ތައްޔާރުވަމުން އަންނަ ޕޭން އިންޑިއާގެ ފިލްމު ''ކޭޖީއެފް 2'' އިން ޔަޝް އާއެކުގައެވެ.
ފިލްމު ޕްރޮމޯޓުކުރުމަށް ދިއްލީގައި ކުރިއަށް ދިޔަ ޕްރެސް ކޮންފެރެންސެއްގައި ސަންޖޭދަތު ބުނެފައިވަނީ އޭނާ އެކްޓިންގެ ދާއިރާ އާ ދުރުވާން ނިންމާފައި ނުވާކަމަށާއި މަރުވަންދެންވެސް އެކަމުގައި ސާބިތުވެ ހުންނާނެ ކަމަށެވެ.
40 އަހަރުގެ ދިގު ފިލްމީ ކެރިއަރާއި ގުޅޭގޮތުން ސަންޖޭ ބުނެފައިވަނީ އޭނާ މަސައްކަތްކުރަނީ ކުރާ ހިތުން ކަމަށާއި ސިނަމާގައި މަސައްކަތްކުރުމަކީ އޭނާ ލޯބިކުރާ ކަމެއް ކަމަށެވެ. އޭނާ ކުޅެދީފައިވާ ކެރެކްޓާތައް ދެކެ ލޯބިވާ ކަމަށާއި، މިހާތަނަށް އޭނާ ކޮށްފައިވާ މަސައްކަތްތަކަށްވެސް ލޯބިކުރާ ކަމުގައި ސަންޖޭދަތު ވަނީ ބުނެފައެވެ. އޭގެ އިތުރުން މިއަދާއި ހަމައަށް އިންޑަސްޓްރީގައި 45 އަހަރު ހޭދަކުރެވިފައިވާއިރު، ޒުވާން ތަރިން ކުރިއަރަމުން އަންނަތަން ފެނިފައިވާކަމަށް ސަންޖޭދަތު ވަނީ ފާހަގަކޮށްފައެވެ.
''ކޭޖީއެފް 2'' ގައި އޭނާ އާއެކު ހަރަކާތްތެރިވާ ތަރި ޔަޝް އާ ބެހޭގޮތުން ސަންޖޭދަތު ބުނެފައިވަނީ މީގެ 20-30 އަހަރު ކުރީގެ ސަންޖޭދަތާއި ޔަޝް އާއި އަޅައިކިޔާލެވޭ ކަމަށާއި، އިންޑަސްޓްރީގައި ޔަޝް އަށް ލިބިފައިވާ ކުރިއެރުންތަކާމެދު ފަހުރުވެރިވާކަމަށެވެ. އަދި ޔަޝް، ރާމް ޗަރަން، ޖޫނިއާއެންޓީއާރް، ރަންބީރު ކަޕޫރު ފަދަ ޒުވާން ތަރިންނާއެކު މަސައްކަތް ކޮށްލަން ލިބުމަކީވެސް އޭނާއަށް ލިބޭ ފަހުރެއް ކަމުގައި ސަންޖޭދަތު ވަނީ ފާހަގަކޮށްފައެވެ.
ފިލްމް އިންޑަސްޓްރީގައި ދިގު މާޒީއެއް އޮތް ސަންޖޭދަތަށް ވަނީ މީގެ ކުރިން ފުއްޕާމޭގެ ކެންސަރު ޖެހިފައެވެ. 2020ވަނަ އަހަރު ސަންޖޭދަތަށް ފުއްޕާމޭގެ ކެންސަރު ޖެހުނު ނަމަވެސް އޭނާ މިހާރު ވަނީ އެބަލިން މުޅިން ރަނގަޅުވެފައެވެ. އެ އަހަރުގެ އޮކްޓޫބަރު މަހު ސަންޖޭ ވަނީ އޭނާގެ އެއްމާބަނޑު ދެކުދިން، އިގްރާ އަދި ޝަރާންގެ 10 ވަނަ އުފަން ދުވަހާ ދިމާކޮށް ކެންސަރު ބަލިން މުޅިން ރަނގަޅުވި ހަބަރު އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ.
''ކޭޖީއެފް 2'' ގެ އިތުރުން ސަންޖޭދަތު ވަނީ ކުރިއަށް ރިލީސްވާން ތައްޔާރުވަމުން އަންނަ ފިލްމު ''ޝަމްޝޭރާ'' ގައި ރަންބީރު ކަޕޫރާއެކު އަދި ފިލްމު ''ޕްރިތުވިރާޖް'' ގައި އަކްޝޭ ކުމާރު އާއެކު މަސައްކަތްކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން