އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ ކައިރީ ކުޅުނު މެޗު 1-1 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ކުރަމުން އައި އުންމީދަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ޔުނައިޓެޑް އެއްވަރުވެ، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެޓީމަށް 30 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމްއަށް 29 މެޗުން 51 ޕޮއިންޓް ލިބިފައި އޮތް އިރު، ހަތަރުވަނައިގައި އޮތް އާސެނަލްއަށް ވަނީ 28 މެޗުން 54 ޕޮއިންޓް ލިބިފައެވެ. ލެސްޓާ މިވަގުތު އޮތީ ނުވަ ވަނައިގައެވެ. އެއީ 28 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑަށް ލީގުގައި ބާކީ އަށް މެޗު އޮތް އިރު، މިހާރު އޮތް މަގާމާއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެޓީމުން ކުރަމުންދާ އުންމީދުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް ފެނުނީ މަދު ހަމަލާތަކެކެވެ. ލެސްޓާގެ ހާވީ ބާންސްއަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ވޮލީ ގޯލާ އަމާޒުނުވެ ދިޔަ އިރު، އޭނާގެ ދެވަނަ ހަމަލާއެއް ތިރިތިރިން ގޯލަށް އަމާޒުނުވެ ދިޔައެވެ. އަނެއްކޮޅުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ މަތަކުރީ ލެސްޓާގެ ޑެންމާކު ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްއެވެ.
ދެވަނަ ހާފަށް ނުކުމެ މެޗުގެ 63 ވަނަ މިނެޓުގައި ލެސްޓާ އިން ލީޑު ނެގިއެވެ. ޖޭމްސް މެޑިސަންގެ ހުރަސް އޭރިއާ ތެރޭގައި ހުރި ކެލެޗީ އިލެނާޗޯ ގޯލަށް ވައްދާލީ ބޮލުންނެވެ. އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑުން އެއްވަރުކުރިއެވެ. ފެނާންޑޭޒްގެ މަސައްކަތާއެކު ތަނަވަސްކުރި ފުރުސަތުގައި ފްރެޑް ޖެހި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ދާގަނޑަށެވެ.
މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، މެޑިސަން ޖެހި ބޯލައެއް ވަނީ ގޯލު ތެރެއަށް ވައްދާލައިފައެވެ. ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސް ކުރުމުގެ ތެރޭގައި އިލެނާޗޯ، ޔުނައިޓެޑްގެ ޑިފެންޑަރު ރަފޭލް ވަރާންއަށް ފައުލް ކުރި ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު