ބޮލީވުޑް ތަރި އަދި މޮޑެލް މަލާއިކާ އަރޯރާ އެކްސިޑެންޓުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދުގެ ހަވީރު މުމްބާއީ ކައިރިން ޕޭންވެލް ހިސާބުގައި މަލާއިކާ އިން ކާރުގެ ކޮންޓްރޯލު ގެއްލި މުމްބާއީ-ޕޫނޭ އެކްސްޕްރެސްވޭގައި އޮތް އިތުރު ދެ ކާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓާ ގުޅިގެން މަލާއިކާ ވަގުތުން ވަނީ މުމްބާއީ އެޕޯލޯ ހޮސްޕިޓަލަށް ގެންދެވި އެނދުމަތިކޮށްފައެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ހަބަރުތައް ބުނެއެވެ.
މި އެކްސިޑެންޓާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރި އޭނާގެ ގާތް މީހަކު ބުނެފައިވަނީ މަލާއިކާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށާއި ކާރުގައި އިން އިރު ބޯ ދަށަށް ލައްވައިގެން އިން ކުޝަންގެ ސަބަބުން އޭނާގެ ބޮލަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މި އެކްސިޑެންޓުގައި މަލާއިކާގެ ލޯކައިރިއަށް ގެއްލުންވެފައިވާތީ ލޯކައިރިން ފަޅައިގެން ދިޔަ ތަންތަން ވަނީ ފަހައިފައެވެ.
މިއެކްސިޑެންޓާ ގުޅިގެން އޭނާ ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށާއި ލިބުނު ކުދި އަނިޔާތަކަށް ފަރުވާކުރުމަށްފަހު މާދަމާ އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް އޭނާ މީޑިއާތަކަށް ބުނެފައިވެއެވެ.
މަލާއިކާ އިން ރޭންޖް ރޯވާ އެކްސިޑެންޓުވިއިރު ކާރު ދުއްވަން އިނީ އޭނާގެ ޑުރައިވަރެވެ. މަލާއިކާ ޕޫނޭއަށް މިއަދު ގޮސްފައިވަނީ ޕޫނޭ ޓައިމްސް ފެޝަން ވީކް 2022 ގައި ބައިވެރިވުމަށެވެ.
ޑިޒައިނާ ސަންޖީވް މަރްވާހާގެ ދައުވަތަކަށް މި ފެޝަން ވީކްގައި ބައިވެރިވެ ރޭމްޕުގައި މަލާއިކާ ވަނީ މޮޑެލްކޮށްފައެވެ. އަދި މި ހަފުލާގައި ބައިވެރިވެ ނަގާފައިވާ ބައެއް ފޮޓޯތައް މަލާއިކާ ވަނީ އޭނާގެ އިންސްޓަގުރާމުގައި ހިއްސާކުރަމުން އައިސްފައެވެ.
އެކްސިޑެންޓްވުމުގެ ހަތަރު ގަޑިއިރު ކުރިންވެސް މަލާއިކާ ވަނީ އިންސްޓަގުރާމު ސްޓޯރީއެއް ހިއްސާކޮށްފައެވެ. އިންޑިއާގެ ފުލުހުން އަންނަނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން