ފުޓްސަލް

މިޔަޓް ފުޓްސަލް ފިއެސްޓާ 2022 ރަސްމީކޮށް އިއުލާންކޮށް، ބައިވެރިވާން ހުޅުވާލައިިފި

ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ޗެލެންޖު 2022 ގެ ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމް ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިވެވޭނެ ފުރުސަތު ވަނީ ދީފައެވެ. އަދި ރަށުން، އަތޮޅުން ބޭރުން ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ގެންދެވޭނެ އުސޫލެއްވެސް އެކުލަވާލައިފައިވާ ކަމަށް މިޔަޓްއިން މައުލޫމާތު ދީފައިވެއެވެ.

މުބާރާތް އިއްޔެ ރަސްމީކޮށް އިއުލާންކޮށްފައި ވަނީ ކ. ތުލުސްދޫގައި ބޭއްވި ކުޑަ އިވެންޓެއްގައެވެ. މިފަހަރުގެ މުބާރާތް މިޔަޓްއިން ބާއްވަނީ މުބާރާތް ނުބޭއްވި ދެއަހަރު މެދުކެނޑުމެއްގައި އޮތުމަށްފަހުއެވެ.

މީގެ ކުރިން ދެ މުބާރާތެއް މިޔަޓްއިން ކާމިޔާބު ކަމާއެކު ހިންގާފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް 30،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅައިފައިވެއެވެ.

މިފަހަރުގެ މުބާރާތުގެ ކުރިން ފެބްރުއަރީ މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި މުބާރާތުގެ ރަސްމީ ލޯގޯވެސް އިފްތިތާހުކޮށްފައިވެއެވެ. މިއަހަރު މުބާރާތުގެ ލޯގޯ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ ހަފްލާގައި މިޔަޓް ޖަމިއްޔާގެ މެމްބަރުންނާއެކު މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލާއި ގައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ވެސް ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޭ މަހު އެއްވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އެންޓްރީ ފީއަކީ 2000 ރުފިޔާއެވެ. މުބާރާތުގައި ބަައިވެރުވުމުގެ ފޯމް ފޭސްބުކް ޕޭޖް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް މިޔަޓްއިން މައުލޫމާތު ދީފައިވެއެވެ.