މުނިފޫހިފިލުވުން

ވިލް ސްމިތު އެކެޑެމީން އިސްތިއުފާ ދީފި

އޮސްކާސް އެވޯޑު ހަފުލާގައި ހިންގި މާރާމާރީއާ ގުޅިގެން މިއަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކުރި ވިލް ސްމިތު އެކެޑެމީން އިސްތިއުފާ ދީފިއެވެ.

އޮސްކާސް އެވޯޑު ހަފުލާ އިންތިޒާމުކުރަމުން އަންނަ އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓް އެންޑް ސައެންސަސްގެ މެންބަރު ކަމުން ވިލް ސްމިތު އިސްތިއުފާ ދީފައިވަނީ ހަފުލާ ހިނގަމުން ދިޔަ ރޭ ސްޓޭޖަށް އަރައި ކްރިސް ރޮކްގެ މޫނު މަތީ ޖެހި މައްސަލަ އެކެޑެމީން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ވިލް ސްމިތު އެކަޑަމީން އިސްތިއުފާދިންކަން އިއުލާނުކޮށްފައިވަނީ އޭނާ ނެރުނު ބަޔާނެއްގައެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން އެކަޑަމީގެ އިތުބާރަށް ހިޔަނި އެޅިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެރޭ އޮސްކާސް އެވޯޑަށް ވާދަކުރި ފަރާތްތަކާއި އެވޯޑު ހާސިލުވި ފަރާތްތައް އުފާފާޅުކުރުމުގެ ފުރުސަތުތަކުން މަހުރޫމު ވެގެން ގޮސްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. އޭގެ އިތުރުން އޭނާގެ މި އަމަލުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ދެރަކުރެވިއްޖެ ކަމަށާއި އޭގެ ތެރޭގައި ގާތް ރަހުމަތްތެރިންނާއި ލޯބިވާ އާއިލާ އަދި ކްރިސް ރޮކް އާއި އޭނާގެ އާއިލާ ވެސް ހިމެނޭކަމަށް ބުނެ އެކަމާ ހިތާމަކުރާކަމަށް ވިލް ސްމިތު ވަނީ ބުނެފައެވެ.

މީގެ ސަބަބުން އޭނާއާއި މެދު އެކެޑެމީން ނިންމާ ކޮންމެ ނިންމުމަކަށްވެސް ފުރިހަމައަށް އިހުތިރާމުކޮށް ބަލައިގަންނާނެކަމުގައި ވިލް ސްމިތު ވަނީ ބުނެފައެވެ.

އެކެޑެމީގެ ރައީސް ޑޭވިޑް ރުބިން ވަނީ ވިލް ސްމިތުގެ އިސްތިއުފާ ލިބިފައިވާކަމަށާއި އޭނާގެ އިސްތިއުފާ އެކެޑެމީން ގަބޫލުކުރިކަން ޔަގީންކޮށްދީފައެވެ. އަދި ވިލް އާއި ދެކޮޅަށް އަހުލާގީ މައްސަލަ ބަލަމުން އަންނައިރު އެކަމާ ގުޅޭ އިތުރު ބައްދަލުވުމެއް މިމަހުގެ 18 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.

އެކެޑެމީން އިސްތިއުފާ ދިނުމާއި ގުޅިގެން 53 އަހަރުގެ ވިލް ސްމިތަށް ކުރިއަށް އޮތްތަނުގައި ބޭއްވޭ އެކެޑެމީ އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލޭނެއެވެ.

މާޗް 27ވަނަ ދުވަހު ކުރިއަށްދިޔަ އޮސްކާސް އެވޯޑު ހަފުލާގައި ވިލް ގެ އަންހެނުން ޖާޑާ ޕިންކެޓް ސްމިތުގެ އިސްތަށިގަނޑާއި ގުޅޭގޮތުން ކްރިސް ރޮކް މަޖަލަކަށް ދެއްކި ވާހަކަ އާއި ގުޅިގެން ވިލް ސްމިތު ވަނީ ހިތްހަމަނުޖެހި ކްރިސްގެ މޫނުމަތީގައި ޖަހާފައެވެ. އަދި އޭގެ ފަހުންވެސް ވިލް ސްމިތު ވަނީ އޭނާގެ އަންހެނުންގެ ނަން ނުގެނައުމަށް ބުނެ ކްރިސް އާއި ވަރަށް ހުތުރުކޮށް ވާހަކަދައްކައިފައެވެ. މުޅި ހަފުލާއަށް އޭގެ ސަބަބުން ނުތަނަވަސްކަން ވެރިވެގެން ގޮސްފައިވާއިރު އޭގެ ފަހުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބި ވިލް ސްމިތު ވަނީ އެވޯޑާއި ހަވާލުވާން ސްޓޭޖަށް އަރައި އޭނާގެ އަމަލުތަކަށް މައާފަށްވެސް އެދިފައެވެ.

އެކަޑަމީން މައްސަލަ ބަލަމުން އަންނައިރު އޭނާގެ މައްޗަށް އެޅެންހުރި ފިޔަވަޅުތަކުގެ ތެރޭގައި އެވޯޑު ހަފުލާތަކުން ސަސްޕެންޑުކުރުމާއި، އެކަޑަމީން ބޭރުކުރުމުގެ އިތުރުން އޭނާއާއި ދެކޮޅަށް އެޅިދާނެ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.

ވިލް ސްމިތު އެކެޑެމީގެ އުސޫލުތަކާއި ހިލާފުވެފައިވާއިރު މާރާމާރީއަށް އެއްވެސް ހާލެއްގައި ތާއީދު ނުކުރާނެކަމަށާއި އެކަމަށް ހިތްވަރު ނުދޭނެކަމަށް ބުނެ އެކެޑެމީން ވަނީ މީގެ ކުރިންވެސް ބަޔާނެއް ނެރެފައެވެ. އަދި އެކެޑެމީން މިހަފުތާގެ ތެރޭގައި އިތުރަށް ބުނެފައިވަނީ މާޗް 27ވަނަ ދުވަހު ހަފުލާގައި ހިންގި މާރާމާރީއާ ގުޅިގެން އެތަން ދޫކޮށް ދިއުމަށް ވިލް ސްމިތަށް އެންގުނު ކަމަށާއި ނަމަވެސް އެކަމަށް އޭނާ އިންކާރުކޮށްފައިވާކަމަށެވެ. އޮސްކާސް ޕްރޮޑިއުސަރު ވިލް ޕެކާ ބުނެފައިވަނީ ހަފުލާ ދޫކޮށް ނުދިއުމަށް ވިލްގެ ކިބައިން ކްރިސް ރޮކް އެދިފައިވާކަމަށެވެ. އޭގެ އިތުރުންވެސް ލޮސް އެންޖެލިސްގެ ފުލުހުން ވަނީ މާރާމާރީގެ މައްސަލައިގައި ވިލް ސްމިތު ހައްޔަރުކުރުމަށް ތައްޔާރަށް ތިބިކަން އަންގާފައިކަމަށާއި ނަމަވެސް އެކަން ކްރިސް ރޮކް ބޭނުން ނުވީކަމަށް ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ވިލް ސްމިތާއި ދެކޮޅަށް ކްރިސް ރޮކް އެއްވެސް ބަޔާނެއް ދީފައިނުވާއިރު އޭގެ ފަހުން ބޮސްޓަންގައި ކުރިއަށް ދިޔަ ކްރިސްގެ ސްޓޭންޑް އަޕް ކޮމެޑީ ޝޯގައި އޭނާ ބުނެފައިވަނީ އަދިވެސް އެކަން އޭނާ ބަލައިގަންނަން މަސައްކަތްކުރަމުން އަންނަކަމަށެވެ. ވިލްގެ ހަމަލާ އަމާޒުވި ކްރިސް ރޮކް އަމަލުކުރިގޮތުގެ ސަބަބުން ކްރިސްގެ ތާއީދު ގިނަބައެއްގެ މެދުގައި އިތުރުވާން ފަށާފައިވާއިރު، ބޮސްޓަންގެ ކޮމެޑީ ޝޯއަށްވެސް ވަނީ ޓިކެޓު ވިކި ހުސްވެގެން ގޮސްފައެވެ.