މުނިފޫހިފިލުވުން

ތިން މަސްދުވަހުގެ ތެރޭގައި 200 ހުށަހެޅުން ލިބުނު: ނަވާޒުއްދީން

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ތަފާތު ރޯލުތަކަކުން މޮޅު ހުނަރެއް ދައްކަމުން އަންނަ ނަވާޒުއްދީން ސިއްދީގަކީ ފާހަގަކޮށްލެވޭ ފިލްމީ ތަރިއެކެވެ.

ނަވާޒުއްދީން ދާދި ފަހުން ބުނެފައިވާގޮތުގައި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އޭނާއަށް ވަނީ 200 އަށްވުރެ ގިނަ ފިލްމުގެ ހުށަހެޅުން ލިބިފައެވެ. ނަމަވެސް ވަރަށް ވިސްނުމަށްފަހު އެތަނުން އޭނާ ގަބޫލުކޮށްފައިވަނީ 5 ފިލްމެއްގެ ހުށަހެޅުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަވާޒުއްދީން ބުނާގޮތުގައި އޭނާއަކީ ފައިސާ އާއި މަޝްހޫރުކަމުގެ ފަހަތުން ދުވާ މީހެއް ނޫނެވެ. އޭނާ ފިލްމެއް ބަލައިގަންނަނީ އެއީ އޭނާއަށް އެންމެ ރަނގަޅު ރޯލު ކަމަށް ގަބޫލުކުރެވޭތީކަމަށް ނަވާޒުއްދީން ބުނެއެވެ. ނަވާޒުއްދީން ބުނާގޮތުގައި އޭނާއަށް ހުށަހަޅާ ކެރެކްޓާ ވާންވާނީ އޭނާއަށް އެކަމުން ޖޯޝެއް ގެނުވާ ކެރެކްޓާއަކަށެވެ. އަދި އެ ފިލްމެއްގައި މާބޮޑު އޮއްޓަރެއް ނެތް ނަމަވެސް ކެރެކްޓާގެ ރޯލު ރަނގަޅުކަމަށް ފާހަގަކުރެވޭނަމަ އެހުށަހެޅުމެއް ބަލައިގަންނަ ކަމުގައި ނަވާޒުއްދީން ބުނެއެވެ.

ނަވާޒުއްދީނަކީ ފިލްމީ ގިނަ ތަރިންނާއި ހިލާފަށް ހިތްހަމަޖައްސާލުމަށް އެހެނިހެން ގައުމުތަކަށް ޒިޔާރަތްކުރާ މީހެއް ނޫނެވެ. އުމުރުން 43 އަހަރުގެ އެކްޓަރު ބުނިގޮތުގައި އޭނާއަށް އޭނާގެ މަސައްކަތުން ހިތްހަމަޖެހުން ލިއްބައިދެއެވެ. ބޯ ހަމަޖައްސާލުމަށް އެހެން ތަނަކަށް ދަތުރުކުރި ނަމަވެސް އޭނާ ހިތްހަމަޖެހިދާނެކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޭނާއަށް ހަގީގީ ހިތްހަމަޖެހުން ލިބެނީ މަސައްކަތުގެ މާހައުލުގެ ތެރެއިން ކަމަށް ވަނީ ބުނެފައެވެ.

ނަވާޒުއްދީން ދެން އެންމެ އަވަހަށް ފެނިގެންދާނީ ''ޓީކޫ ވެޑްސް ޝޭރާ'' އިންނެވެ.