މިއީ ނަތާޝާ ގްރާޒިއާނޯއެވެ. މިލިއަނަރެއް ކަމަށްވާ ނަތާޝާ އަކީ މީހުންގެ ކުރިއެރުމަށް މަސައްކަތްކޮށްދެމުން އަންނަ މޯޓިވޭޝަނަލް ސްޕީކާ އަދި ލައިފް ކޯޗެކެވެ.
ކެނެޑާގެ ވެންކޫވާގައި ދިރިއުޅެމުން އަންނަ ނަތާޝާ އަކީ މީގެ އަހަރުތަކެއް ކުރިން މަގުމަތީގައި ދިރިއުޅެމުން އައި އެކަނިވެރި މައެކެވެ. ތުއްތު ދަރިފުޅާއެކު ނަތާޝާ އެ ހާލަތަށް ވެއްޓިފައިވަނީ އޭނާގެ ބޮލުގައި އެޅިފައިވާ ދަރަނިތައް ފޫނުބެއްދި މަގުމަތިވާން މަޖުބޫރުވުމުންނެވެ. މިއަދު އޭނާގެ ހާލަތު ތަފާތެވެ. 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯޗުކޮށްދީފައިވާ އޭނާގެ އަމިއްލަ ޕްރޮގުރާމުތަކުގެ އެހީގައި ގިނަބައެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ފައްތަރަކަށް ގެންގޮސްދިނުމަށް ވިސްނުން ބަދަލުކޮށްދިނުމުގެ ކުޅަދާނަކަމާއެކު ނަތާޝާ ވަނީ ކުރިއަރައިގެން ގޮސްފައެވެ.
10 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ހިމެނޭ ނަތާޝާގެ އިންސްޓަގްރާމުގައި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ހިތްވަރަކީ އެ ދަރިފުޅުކަމަށެވެ. އޭނާ ވީ ހުރިހާ ގުރުބާނީއެއް ވެފައިވަނީ އެ ދަރިފުޅަށް ޓަކައި ކަމަށާއި ހުރިހާ ސަބަބެއް ގޮސް ގުޅެނީ އެދަރިފުޅަށް ކަމަށެވެ. އަދި ތިބާގެ އެ ސަބަބަކީ ކޮންފަރާތެއްތޯ ނަތާޝާ ވަނީ ސުވާލުކޮށްފައެވެ.
ލައިފް ކޯޗެއްގެ ގޮތުގައި ކެރިއަރު ބިނާކުރުމުގައި ސާބިތުވެ ކާމިޔާބު ހޯދާފައިވާ ނަތާޝާ ވަނީ ''ދި އެކްޝަން ޕްލޭން'' ކިޔާ ފޮތެއްވެސް ލިޔެ ނެރެފައެވެ. ޕޮޒިޓިވް ވިސްނުންތައް ގެންގުޅޭނެގޮތްތައް ބުނެދޭ މިފޮތުގެ އެތައް ޗާޕެއް ވިކި ހުސްވެފައިވާއިރު، ފޯބްސް އިން ހޮވާ 40 އަހަރުން ދަށުގެ ދުނިޔޭގެ އެންމެ މޮޅު މޯޓިވޭޝަނަލް ސްޕީކަރުންގެ ލިސްޓުގައި ނަތާޝާ މިއަދު ވަނީ ހިމެނިފައެވެ. ނަތާޝާގެ ހަޔާތް އެފުށް މިފުށަށް ޖަހާލައި ކާމިޔާބަށް ވާސިލުވެފައިވަނީ މަދު އަހަރުތަކެއްގެ ތެރޭގައިކަމަށް އޭނާ ބުނެއެވެ.
ދިރިއުޅުމުގެ ހާލަތު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ވިސްނުން ބަދަލުކޮށްދިނުމުގައި އެހީއަކަށް ވެދޭ އަދި މިހާރު ގިނަބަޔަކު ބަލައިގަނެފައިވާ އެމްބީއެސް މެތަޑް ނުވަތަ ''މެޑިޓޭޝަނަލް ބިހޭވިއަރަލް ސިންކްރޮނިސިޓީ'' ގެ ހަގީގީ މޭސްތިރިއަކީ ނަތާޝާ އެވެ.
މީގެ ކުރިން މޮޑެލެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ނަތާޝާގެ ބޮލުގައިވަނީ 150،000 ޕައުންޑުގެ ދަރަންޏެއް އެޅިފައެވެ. މި ދަރަނިން އަރައިގަނެވޭނެ މަގެއް ނުފެނި އޭނާގެ ދިރިއުޅުމުގެ އެންމެ ދަތިދުވަސްތަކާ ކުރިމަތިލާން ޖެހުނުކަމުގައި ނަތާޝާ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބިކަވެ ގެއިން ނުކުންނަންޖެހުނީ އަތުގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަށް ވިއްކާލުމަށްފަހުގައި ކަމަށްވެސް ނަތާޝާ ބުނެއެވެ.
އެއްދުވަހަކު އަތުގައި ހުރި ގަހަނާކޮޅެއް ވިއްކުމަށް ފިހާރަޔަޔަކަށް ވަދެ ހުރެފައި، އެ ތަނުގައި ހުރި ހެދުމެއް ހެޔޮވަރުކޮށްލަން ނަތާޝާ އޭނާގެ ދަރިފުޅު ބިންމަތީގައި ބޭނދިއެވެ. އެވަގުތު ފިހާރައިގައި ހުރި އަންހެނަކު ނަތާޝާއަށް ތައުރީފުކޮށް، އެކަހަލަ ރީތި ކުއްޖަކު މަގުމަތީގައި ދިރިއުޅެމުންދަނީ ކީއްވެތޯ ސުވާލުކުރިކަމަށް ނަތާޝާ ބުނެއެވެ. އެއަށްފަހު އެކި ފިހާރަތަކަށް ޒިޔާރަތްކޮށް އެތަނުގެ ހެދުންތަކުގައި ފޮޓޯތައް ނެގުމަށްފަހު އިންސްޓަގުރާމަށް ފޮޓޯ ލައި، ހެދުންތަކުގެ ބްރޭންޑު ޓެގު ކުރަމުން ދިޔަކަމުގައި ނަތާޝާ ބުނެއެވެ. އަދި އެތަނުން އެއް ބްރޭންޑަކުން އޭނާއަށް އުޖޫރައެއް ދޭން ނިންމިކަމަށާއި، އޭނާއަށް އާމްދަނީއެއް ހޯދޭނެ މަގުފަހިވީ އެގޮތަށް ކަމަށް ނަތާޝާ ވަނީ ބުނެފައެވެ. ނަމަވެސް ދަތި އުނދަގޫ ދުވަސްތަކުން އަރައިގަތުމަށް މަސައްކަތް ފެށިތަނާހެން އޭނާއަށް ވަނީ ހައިޕޮތައިރޮއިޑިސަމްގެ ބަލި ތަހައްމަލުކުރަން ޖެހި އުމުރު ދުވަހަށް ބޭސް ކާން މަޖުބޫރުވެފައި ކަމުގައިވެސް އޭނާ ބުނެއެވެ.
ނަތާޝާ ބުނާގޮތުގައި އޭގެ ފަހުންވެސް މީހުން ބަލައިގަންނާނެ މަގުބޫލު މީހަކަށް ވާނެ ގޮތްތައް ހޯދައި ބެލުމަށް ''ލޯސް އޮފް އެޓްރެކްޝަން''ގެ ދިރާސާތައް އޭނާ ކުރަން ފެށިއެވެ. އަދި އަމިއްލަ ދިރިއުޅުން އެ ގަވާއިދުތަކާއި އެއްގޮތަށް ބައްޓަންކޮށް، ހިތްހަމަޖެހިގެން ދިރިއުޅެން މަސައްކަތް ފެށި ހިސާބުން އޭނާގެ ދިރިއުޅުމަށް އޭގެ ހެޔޮ އަސަރުކުރިކަމަށާއި އޭނާގެ ބައްޔަށްވެސް އެކަމުން ފަރުވާ ލިބިގެން ދިޔަކަމުގައި ނަތާޝާ ފާހަގަކުރެއެވެ.
ނަތާޝާ ބުނާގޮތުގައި އަމިއްލަ މީހާގެ ހާލަތު ބަދަލުވެގެންދަނީ ވިސްނާގޮތް ބަދަލުކުރެވިގެންނެވެ. ތިމާއަކީ ބޭކާރު ދެރަ މީހެއް ގޮތުގައި ވިސްނާނަމަ ދިރިއުޅުން އެގޮތުގައި ހޭދަކުރެވިގެން ދާނެކަމަށާއި ނަމަވެސް ތިމާއަކީ ރަނގަޅު، ގާބިލު މީހެއް ކަމަށް ވިސްނައިދިނުމުން އެކަމުގެ ހެޔޮ ބަދަލު ދިރިއުޅުމުން ފެނިގެންދާކަމަށް ނަތާޝާ ވަނީ ފާހަގަކޮށްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް