އިސްލާމީ ތާރީޚު

އަޅުގަނޑު އިސްލާމްވީ ކީއްވެ؟ "ހުޅަނގުން ތައްޔާރުވަމުންދަނީ މާއްދިއްޔަތާ ދެކޮޅަށް ބަޣާވަތް ކުރުމަށެވެ" ޑރ. މުރާދު - 4

އަބްދުﷲ ފާރޫގް ހަސަން

(25 މާޗުގެ އަދަދާ ގުޅޭ)

އެފޮތް ނިންމުމަށް ފަހު އަޅުގަނޑު އަށް ޕަބްލިޝަރެއްގެ ގާތަށް އެފޮތް ފޮނުވީމެވެ. އޭގެ ތެރެއިން ދެފަރާތަކުން އެފޮތް ޝާއިޢު ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރިއެވެ. އެއް ޕަބްލިޝަރަކާއެކު އަޅުގަނޑު އެފޮތް ޝާއިޢުކުރުމުގެ އެގްރީމެންޓެއް ކޮށްފީމެވެ. އެއީ ޖަރުމަންވިލާތުގެ ވަރަށް މުހިންމު ޕަބްލިޝަރެކެވެ. އެބައި މީހުން އެފޮތް ޝާއިޢުކުރީ 1992 ވަނަ އަހަރުގެ ބަހާރު މޫސުމުގައެވެ.

އެފޮތް ބާޒާރަށް ނުކުތުމާއެކު ހަފަރާތުން އެފޮތަށާއި ފޮތުގެ މުޞަންނިފަށް ތަންޤީދު ކުރަންފަށައިފިއެވެ. ނޫސްތައް އެހެންހުރިހާ ކަމެއް އެއްފަރާތްކޮށްލުމަށް,ފަހު އަތްދޮވެލައިގެން އަޅުގަނޑުގެ ފަހަތުން އަޅައިގަތެވެ. ނޫސްތަކުގެ ބޭރުގަނޑުގައި އަޅުގަނޑަށް އިހާނެތިކޮށް ހިތުމުގެ ސުރުޚީތައް ޗާޕުވާންފަށައިފިއެވެ. ނޫސްތަކުގައި ލިޔަމުންގެންދިޔައެވެ. މީނާ ބުނަނީ ވައްކަންކުރާ މީހުންގެ އަތް ބުރިކޮށްލަންވީ ކަމުގައެވެ. ޒިނޭކުރާ މީހުން ރަޖަމުކުރަންވީ ކަމުގައެވެ. ހޮފްމަންގެ އަންހެނުން ފަކީރަށް ތިން ހަތުރަނބީންނާ ކުރިމަތިލާންޖެހޭނެ ކަމުގައެވެ.

ޚާރިޖިއްޔާއަށް އެތަކެއް ހާސްހާހުން ސިޓީތައް އޮހެމުންދިޔައެވެ. އަޅުގަނޑާއި އަޅުގަނޑުގެ ފޮތް އިންތިހާ ދަރަޖައަށް ކުށްވެރިކޮށްފައެވެ. އެ ހަމަނުޖެހުންގަނޑު ނޭފަތުކުރިޔާ ހަމަޔަށް އެރުމުން ޚާރިޖީ ވަޒީރު އޭނާގެ ތިން އެހީތެރިޔަކު ލައްވައި އެފޮތް ވަރަށް ފުންކޮށް ދިރާސާކުރެއްވިއެވެ. އެއަށްފަހު ބަޔާނެއް ނެރުއްވިއެވެ. އެބަޔާނުގައި ވެއެވެ. "އެފޮތުގައި އިޢުތިރާޟުކުރަންޖެހޭ ފަދަ އެއްވެސް ވާހަކައެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އެފޮތުގައި ވަނީ އޮބްޖެކްޓިވް ގޮތަކަށް އިސްލާމްދީން ހުށަހަޅައިފައެވެ. އެފޮތަކީ އިސްލާމްދީން ތަޢާރަފުކޮށްދޭ ފޮތެކެވެ. ޖަރުމަންގެ ރައްޔިތަކު ހިންދީ ދީނާއި، އިސްލާމް ދީނާއި، ބުދުދީނާއި މިއިން ކޮންމެ ދީނެއް ޚިޔާރުކުރަން ބޭނުންވިކަމުގައި ވިޔަސް އެ ދީނެއް ޚިޔާރުކޮށް އެ ދީނަކަށް އުޅުމަކީ ޖަރުމަންވިލާތުގެ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެކެވެ."

އެދުވަސްވަރު ނޫހެއްގައި ލިޔެފައިވެއެވެ. "ޖަރުމަންވިލާތުގެ ސަފީރެއް އަމިއްލަޔަށް މަރުވާން މީހުންނަށް އެބަ ހިތްވަރުދެއެވެ." އެކަންވީ ގޮތަކީ ހަތަރު ހަފްތާއެއްހައި ދުވަހު އަޅުގަނޑުގެ ގާތުގައި މަސައްކަތް ކުރި މީހަކު ކޮންމެވެސް ސަބަބަކާ ހުރެ އަމިއްލަޔަށް މަރުވީއެވެ. އެކަންވެސް އަޅުގަނޑުގެ ބޮލުގައި އެޅުވީއެވެ. އެހެން ނޫހެއްގައި ލިޔެފައިވެއެވެ. "މިކަލޭގެ އެމްބަސީގެ އަންހެން މުވައްޒަފުން ބުރުގާ އެބަ އަޅުވައެވެ." އެއީވެސް ޙަޤީޤަތެއް ނޫނެވެ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ އެމްބަސީގައި މުސްލިމް އަންހެނުންވެސް މަސައްކަތްކުރެއެވެ. އެމީހުން ބުރުގާ އަޅައެވެ.

އިއްތިފާޤުން ދިމާވި ގޮތުން އަޅުގަނޑުގެ ފޮތް ބާޒާރަށް ނުކުތީ ސަލްމާނު ރުޝްދީގެ ބަދުނާމުވެފައިވާ ފޮތާމެދު އިޙުތިޖާޖުތައް ހިނގަމުން ދަނިކޮށެވެ. ހުޅަނގުގެ ޤައުމުތަކުން އިރާޤަށް ޙަމަލަދިނީ އޭގެ އަހަރެއްހާދުވަސް ކުރިންނެވެ. އެހެންކަމުން އަޅުގަނޑުގެ ފޮތަށް އާދަޔާޚިލާފު މަޤްބޫލުކަމެއް ލިބުނެވެ. އަލްހަމްދު ލިﷲ އެވެ. މިއީ އެހާލަތްތަކަކާ މުޤާބިލާކުރަމުން އަޅުގަނޑު އިސްލާމްވި ޙާލަތްތަކެވެ.

"އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟުރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަ ކަށަވަރުން، އިބަ ރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވަވާ ރަސްކަލާނގެއެވެ،" (ޢާލު ޢިމްރާން: 8)

ޑޮކްޓަރ މުރާދު މޮރޯކޯގެ ސަފީރަކަށް ހުންނެވި ދުވަސްވަރު ޖަރުމަންވިލާތުގެ ޓީވީ އަކުން އޭނާގެ ބަސްދީގަތުމަކަށް އެދުނެވެ. ޖަރުމަން ޓީވީ އިން ޑޮކްޓަރ މުރާދުގެ ބަސްދީގަތުން ދުރަށް ދެއްކީ ވަރަށް ބޮޑަށް ބަދަލުކޮށްގެން މުޅިން މާނަ އޮޅުވައިލައިގެންނެވެ. އެންމެ ފުރަތަމަ ދެއްކީ ޑޮކްޓަރ ނަމާދުކުރައްވާ މަންޒަރާއި ނަމާދުގައި ކުރެއްވި ދުޢާއެކެވެ. އެދުޢާގައި އޭނާ ވިދާޅުވީ "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޖަރުމަނަކީ އިސްލާމީ ޤައުމަކަށް ވުމުގެ އެކަށޭނަކަން ދެއްވާނދޭވެ!" މިފަދައިންނެވެ.

ޑޮކްޓަރ މުރާދު ޖަރުމަން ޓީވީއަށް ދެއްވި ބަސްދީގަތުމުގައި އޭނާ ވާހަކަދެއްކެވީ އިންސާފުވެރިކަމާއި، ބަރުދާސްކުރުމާއި، ކެތްތެރިކަމާއި، އިސްލާމްދީނުގެ މުސްތަޤްބަލާ ބެހޭ ގޮތުންނެވެ. އެހެންކަމާއެކު ވެސް ޓީވީން އެ ބަސްދީގަތުން ދުރަށް ފޮނުވުމުން އެމަންޒަރު ބައްލަވައިފައި ޚުދު އޭނާ ޙައިރާންފުޅުވިއެވެ. އޭނާގެ ވާހަކަފުޅުތައް ކަނޑައި އެޑިޓްކޮށްގެން ބަދަލުކޮށްފައިވަނީ އޭގެ ދިމާއިދިކޮޅަށެވެ. އެބަސްދީގަތުމާ ވިދިގެން ޑޮކްޓަރ މުރާދު ހޮފްމަން ޤަތުލުކުރުމަށް ޖަރުމަނުގެ ބައެއް ފަރާތްތަކުން ގޮވައިލިއެވެ. ނަމަވެސް ޚާރިޖީ ވުޒާރާއިން ޖަވާބުދިނީ ޖަރުމަނުގެ އެހެންވެސް ރައްޔިތުންނެކޭ އެއްފަދައިން ޑޮކްޓަރ މުރާދަށްވެސް އޭނާ ބޭނުންފުޅު ދީނެއް ޚިޔާރުކުރެއްވުމުގެ މިނިވަންކަން ލިބިވަޑައިގެންފައިވާ ކަމުގައެވެ. ޑޮކްޓަރ މުރާދު ސީދާ ނުވަތަ ނުސީދާ ގޮތެއްގައިވެސް އޭނާގެ އަމިއްލަފުޅު މަޞްލަޙަތަށްޓަކައި އޭނާގެ މަޤާމުގެ ބޭނުންފުޅު ކުރެއްވިކަމެއް ސާބިތެއް ނުވިއެވެ. ހަމައެފަދައިން ޖަރުމަންވިލާތުގެ އެއްވެސް ޤާނޫނަކާ އޭނާ ޚިލާފުވެވަޑައިގެންނެވި ކަމުގެ ހެއްކެއްވެސް ނުލިބުނެވެ.

އެމްބެސެޑަރެއްގެ ޙައިޘިއްޔަތުން ޑޮކްޓަރ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުން ރިޓަޔަރްވެވަޑައިގަތުމަށްފަހު އޭނާގެ ތުރުކީ އަނބިކަނބަލުންނާއެކު ދިރިއުޅުއްވަމުން ގެންދަވަނީ ތުރުކީގައެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކުރައްވައިފައިވަނީ އިސްލާމްދީނުގެ ޚިދުމަތުގައެވެ. ދީނަށް ގޮވައިލެއްވުމާއި، ދީނީ ފޮތް ލިޔުއްވުމާއި، ހުޅަނގުގެ ތަހުޒީބުގެ ސާބިތުކަމެއް ނެތްކަމާއި، އެ ތަހުޒީބު އިންސާނިއްޔަތު ހަލާކާ ދިމާޔަށް ގެންދާގެންދިޔުން ބަޔާންކުރެއްވުމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރައްވަނީ އިސްލާމްދީނުގެ މުސްތަޤްބަލުގެ މައްޗަށް ފޮތެއް ލިޔުއްވުމަށެވެ. އެފޮތުގެ ޢަރަބި ތަރުޖަމާވެސް ވަނީ ނިމުމުގެ މަގުމަތީގައެވެ.

ޑޮކްޓަރ މުރާދު ވިދާޅުވާގޮތުގައި އޭނާގެ ފޮތެއްކަމުގައިވާ، “The Road to Makkah and Madinah” ކޮންމެވެސް އެހެން ބަހަކަށް ތަރުޖަމާކުރެއްވުމަކީވެސް އޭނާ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އޭނާ މިދެންނެވި ފޮތް ލިޔުއްވައިފައި ވަނީ މުޙައްމަދު އަސަދުގެ "ރޯޑް ޓު މައްކާ" އާ ވަރަށް ގުޅޭ ކަހަލަ ގޮތަކަށެވެ. ޑޮކްޓަރ މުރާދު ވިދާޅުވެފައިވާ ގޮތުގައި މުޙައްމަދު އަސަދުގެ ފޮތުން އޭނާ ވަރަށް ގިނަ ކަންތައްތަކެއް ދަސްފުޅުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެފޮތުގައި އޭނާ ވަނީ އިސްލާމްދީނަށް ގޮވައިލަންވީ ގޮތާއި، މުސްލިމުން އެހެން ދީންދީނުގެ މީހުނާ ކުރިމަތިލާންވީ ގޮތާއި، ޣައިރު މުސްލިމުންނާ ޚާއްޞަކޮށް ކްރިސްޓިއަނުންނާ ދީނީ ބަޙުޘް ކުރާންވީ ގޮތް ބަޔާންކޮށްދެއްވައިފައިވެއެވެ.

އިސްލާމްދީނާ ބެހޭ ގޮތުން ޑޮކްޓަރ މުރާދު ލިޔުއްވައިފައިވާ ވަރަށް ގިނަ ފޮތްތަކާއި މަޒުމޫނުތައް ވަނީ ޝާއިޢުވެފައެވެ. އޭނާ އެންމެ ފުރަތަމަ ލިޔުއްވި ފޮތް ކަމުގައިވާ "ޖަރުމަން މުސްލިމެއްގެ ޑައަރީ" ވަނީ މަޤުބޫލު ކަމުގެ ރެކޯޑެއް ޤާއިމުކޮށްފައެވެ. އެ ފޮތްވަނީ ޢަރަބި ބަހަށާއި، ފަރަންސޭސި ބަހަށާއި، އިނގެރޭސި ބަހަށާއި، ރަޝިޔާ ބަހަށާއި، މި ނޫންވެސް ބައެއް ބަސްބަހަށް ތަރުޖަމާ ކުރެވިފައެވެ. އޭނާގެ ފޮތެއް ކަމުގައިވާ "އިސްލާމް – ހަމައެކަނިމަގު" ޖަރުމަންވިލާތުގެ އަންހެނުން އިސްލާމްދީނަށް ލެންބުމުގެ ވަރަށް ޚާއްޞަ ވަޞީލަތަކަށް ވަނީ ވެފައެވެ.

ހުޅަނގުގެ މީހުންނަށް އިސްލާމްދީނުގެ ދަޢުވަތު ދިނުމާ ބެހޭގޮތުން ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން އެ ބަޔަކަށް އިސްލާމްދީނަށް ގޮވައިލާ މީހުންގެ ޠޮބީޢަތަކީ ކޮބައިކަމާއި، އެމީހުންގެ މިޒާޖު ހުންނަގޮތް އެންމެ ފުރަތަމަ ދަސްކުރަން ޖެހެއެވެ. މީހަކަށް ސީދާ ބަހުން އިސްލާމްދީނުގެ ދަޢުވަތު ދިނުމުގެ ކުރިން ތިމާގެ އަޚުލާޤިއްޔަތާއި ޝަޚްޞިއްޔަތު އެ މީހަކަށް އޮޅުންފިލުވައިދޭން ޖެހޭނެއެވެ. ހުޅަނގުގެ ގިނަ މީހުންނަކީ އެއްވެސް ސިފައެއްގައި މާތް ﷲގެ ރަސްކަންފުޅު ޤަބޫލުކުރާ ބައެއް ނޫނެވެ. އެހެންކަމުން އެފަދަ ބައެއްގެ ކުރިމަތީގައި މާތްﷲ މިވެނި ގޮތަކަށް ވަޙީކުރެއްވިއޭ ނުވަތަ އެވެނި ގޮތަކަށް އެންގެވިޔޭ ބުނުމަކީ އެންމެ އެދެވޭ ނަތީޖާ ޙާޞިލްވާނެ ކަމެއް ނޫނެވެ. ސީދާސާދާ ސައިންޓިފިކް އުސޫލުތަކެކޭ އެއްގޮތަށް ޤުރްއާނާއި ޙަދީޘާއި ސައިންސާމެދު ހުރި ގުޅުމަށް ޙަވާލާ ދީގެން މާތްﷲ މިވެނިހެން ވަޙީކުރެއްވިއޭ ބުނުމަކީ ޔޫރަޕްގެ ސިކުނިތަކަށް އެންމެ ފަސޭހައިން ވިސްނައިގަނެވޭނެ ގޮތެވެ. ޔޫރަޕްގައި އިސްލާމީ ދަޢުވަތު ދިނުމަށްޓަކައި ބޭނުންވަނީ ޒަމާނީ ގޮތްތަކާއި ވަޞީލަތްތަކެވެ. ތިމާ އެމީހަކަށް ދީނަށް ގޮވާލާ މީހެއްގެ ނަފްސިއްޔާތާއި އެމީހެއްގެ ޝަޚުޞިއްޔަތު ދަސްކޮށް ވަޒަންކުރުމެއް ނެތި އެމީހެއްގެ ކުރިމައްޗަށް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި އިތުރު ސާހިބާގެ ޙަދީޘްފުޅުތަކެއް އޮއްސައިލުމަކީ ތިމާގެ ހުރިހައި މަސައްކަތެއް ބޭކާރުވާނެ ކަމެކެވެ.
ޑޮކްޓަރ މުރާދު ވިދާޅުވާގޮތުގައި ޔޫރަޕްގައި އިސްލާމްދީން ފެތުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޔޫރަޕްގެ މީޑިޔާގެ ވަޞީލަތްތަކުން އިސްލާމްދީނާ ދެކޮޅަށް ކުރެވެމުންދާ ޚާއްޞަ ޕްރޮޕެގަންޑާއެވެ. އެ ޕްރޮޕެގަންޑާގެ ޒަރީޢާއިން ޔޫރަޕިއަނުންގެ ސިކުނޑިތަކަށް އިސްލާމްދީން ސިފަކޮށްދީފައިވަނީ ވަރަށް ހުތުރު ބުރުސޫރައެއްގައެވެ. ވަރަށް އަނަރޫފަކޮށެވެ. އެހައިމެ ނާތަހުޒީބު ގޮތެއްގައެވެ. އެހެން ކަމުން އެ ހުތުރު ސިފަ ވަނީ ޔުރަޕިއަން ވިސްނުމުގެ ބަޔަކަށް ވެފައެވެ. ވަރަށް ގިނަ ގޮތްގޮތުން ބަލާއިރުވެސް ދެވަނަ ހުރަހާ ގުޅެނީ މުސްލިމުންގެ ތަޢުލީމީ އިދާރާތަކާއެވެ. ހުޅަނގުގެ ތަހުޒީބާއި ޘަޤާފަތު ރަނގަޅަށް ދެނެގެން ތިބި ޤާބިލް، ތަޢުލީމީ މީހުންނަކަށް އިސްލާމީ ތަޢުލީމީ އިދާރާތަކަކުން ޖާގައެއް ނުދެއެވެ. ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އިސްލާމްދީނަށް ގޮވައިލާ މީހުންނަކީ އެބަޔަކު ދީނަށް ގޮވައިލާ ބައެއްގެ އަމިއްލަ ބަހުގެ ތެރެއަށް ވަރަށް ރަނގަޅަށް ވަދެތިބި ބަޔަކަށް ވާން ޖެހޭނެ އެވެ.

ޑޮކްޓަރ މުރާދު ހޮފްމަން ވިދާޅުވާ ގޮތުގައި މި ހުރިހައި ހުރަސްތަކާއެކު ވެސް ޔޫރަޕްގައި އިސްލާމްދީނުގެ މުސްތަޤްބަލް އޮތީ ވަރަށް އުޖާލާކޮށެވެ. ޔޫރަޕްގައި އިސްލާމްދީން ފެތުރެމުންދަނީ ޔޫރަޕިއަނުން އަޖައިބުވެ އަންތަރީސްވާ ފަދަ ހަލުވި ބާރުމިނެއްގައެވެ. ޑޮކްޓަރ މުރާދު ޔަޤީންކުރައްވާ ގޮތުގައި ޔޫރަޕްގައި އެހައި ހަލުވިކޮށް އިސްލާމްދީން ފެތުރެމުން ދިއުމުގެ ސަބަބަކީ ހުޅަނގުގެ ޢާއްމުން ހުޅަނގުގެ މާއްދިއްޔަތަށް އަޅުކަންކުރާ ދިރިއުޅުމާ ދެކޮޅަށް ތެދުވަން ފަށައިފައިވުމެވެ. އެ މާއްދިއްޔަތުގައި ވާހައިވެސް އެއްޗަކީ ހަމައެކަނި މަޖާކުރުމާއި، މުދަލާއި ތަނަވަސްކަން ހޯދުމެވެ. އެނޫން އެހެން އެއްވެސް އަޚްލާޤީ އަގެއް ނެތެވެ.
ޑޮކްޓަރ މުރާދު މުސްލިމުންނަށް ގޮވައިލައްވަނީ ފަހަރެއްގައިވެސް މާޔޫސް ނުވުމަށެވެ. އުއްމީދު ކަނޑައިނުލުމަށެވެ. ތިމާމެންގެ ދީނަށް އާރާއި ބާރު ހޯދައިދިނުމަށްޓަކައި ތިމާމެންނަށް ލިބިފައިވާ ހުރިހައި ވަސީލަތެއްގެ ބޭނުންކުރުމަށެވެ. ލިބެންހުރި ކޮންމެ ފަސޭހައަކާއި ފުރުޞަތަކުން އިސްލާމްދީނަށް ހޯދެން އޮތްހައި ފައިދާއެއް ހޯދައިދިނުމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އެކަމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަޔަށް އިންޓަނެޓް ބޭނުންކުރެވިދާނެއެވެ. އިންޓަނެޓުގެ ސްކްރީނުން އިސްލާމްދީނުގެ ރީތި ތަހްޒީބީ ސޫރަ ދުނިޔެއަށް ދައްކައިދެވިދާނެއެވެ.

ޑޮކްޓަރ މުރާދު ނިރުބަވެރިކަމާ ދިމާޔަށް އޭނާގެ ވާހަކަފުޅު އަމާޒުކުރައްވަމުން ވިދާޅުވި ގޮތުގައި އަޅުގަނޑުމެން ހުޅަނގަށް ވިސްނައިދޭންވީ ޖިހާދާއި، ނިރުބަވެރިކަމަކީ ވަރަށް ތަފާތު ދެއެއްޗެއް ކަމެވެ. އޭނާ ވިދާޅުވިގޮތުގައި އަޅުގަނޑުމެން ހުޅަނގަށް ވިސްނައިދޭންވީ މުސްލިމެއްގެވެސް އަދި ޣައިރު މުސްލިމެއްގެވެސް ފުރާނަޔަށް ނުވަތަ މުދަލަށް ޙައްޤަކާ ނުލައި ގެއްލުމެއް ދިނުމަކީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫންކަމެވެ. އިސްލާމްދީނުގައި ޖިހާދު ޝަރްޢުކުރެއްވީ އަނިޔާ ލިބޭ މީހުންގެ ޙިމާޔަތުގައި ކަމެވެ. އަނިޔާ ލިބޭ ބަޔަކީ ޣައިރު މުސްލިމް ބަޔަކަށް ވިޔަސްމެއެވެ.

(ނިމުނީ)