ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބުކުރައްވާ އިމްރާން ވިދާޅުވީ، މާދަމާ އޭނާގެ މައްޗަށް ނަގަން ނިންމާފައިވާ އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިއަށް އިސްތިއުފާ ނުދެއްވާނެ ކަމަށާއި އޭނާއަކީ ކަންކަމުން އިސްތިއުފާ ދެއްވާނެ މީހެއް ނޫން ކަމަށެވެ. އަދި އޭނާ މަގާމުން ދުރުކުރަން އުޅެނީ އެމެރިކާ އެކަމުގެ ފަހަތުގައި އޮވެގެން ކަމަށް ތުހުމަތު ކުރެއްވިއެވެ.
އެގޮތުން 20 އަހަރުގެ ދިގު ކުރިކެޓު ކެރިއަރުގައިވެސް އޭނާއަކީ އެންމެ ފަހު ބޯޅައާއި ހަމައަށް ކުޅޭ ކުޅުންތެރިއެއްކަން ފާހަގަކުރެވޭނެ ކަމަށާއި މިވީހާތަނަށް ދުވަހަކުވެސް ބަލި ގަބޫލުކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
''އެއްވެސް ބޭފުޅަކު ހީފުޅުކުރައްވައިގެން ނުވާނެ، ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އަޅުގަނޑަކީ ގޭގައި ކުޅި ބައްލަވަން އިންނާނެ މީހެއް ކަމަށް!'' އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ މައިދާނަށް އޭނާ ނުކުންނެވީ ތިން ކަމެއް ގާއިމުކޮށްދިނުމަށް ވައުދުވެގެންނެވެ. އޭގެ ތެރޭގައި އަދުލު އިންސާފާއި ކަރާމާތް އަދި ފުދުންތެރިކަން ގާއިމުކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އިމްރާން ވިދާޅުވެފައި މިވަނީ މިދިޔަ ބުދަ ދުވަހު ގައުމާ މުހާތަބުކުރައްވަން ހަމަޖެހިފައިވަނިކޮށް، އެކަން ކެންސަލްކުރުމުން އޭނާ އިސްތިއުފާދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ