ބޮލީވުޑްގެ ކުރީގެ ފިލްމީ ތަރި އަދި ބަތަލާ ކަރިޝްމާ އާއި ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރަށް ހަނދާންނެތޭ ބަލިޖެހިފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ރަންދީރު ކަޕޫރަށް ބޮޑުބޭބެ ކިޔާ ފިލްމީތަރި ރަންބީރު ކަޕޫރު ވަނީ މީގެކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާގެ ބޮޑުބޭބެ އުމުރުން 75 އަހަރުގެ ރަންދީރު ކަޕޫރު އަންނަނީ ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ބަލީގެ ކުރީކޮޅުގެ އަލާމާތްތައް ތަހައްމަލުކުރަމުން ކަމަށް ބުނެފައެވެ. އެންޑީޓީވީއަށް ދިން އިންޓަވިއުގައި ރަންބީރު ކަޕޫރު މިހެން ބުނުމާ ގުޅިގެން އީޓައިމްސް އިން ވަނީ ރަންދީރު ކަޕޫރާ އެކަމާ ސުވާލުކޮށްފައެވެ.

ރަންދީރު ބުނިގޮތުގައި އޭނާއަށް އެފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައެއް ނުވެއެވެ. އަދި އޭނާއަށް ހަނދާން ނެތޭ ބަލި ޖެހިފައި ނުވާކަމަށާއި މީގެ ކުރިން ކޮވިޑު ޖެހުނުކަމަށާއި ނަމަވެސް އޭނާގެ ހާލަތު މުޅިން ރަނގަޅުކަމަށް ރަންދީރު ވަނީ ބުނެފައެވެ.

ރަންދީރާ ގުޅޭގޮތުން އެފަދަ ވާހަކައެއް ރަންބީރު ކަޕޫރު ދައްކާފައިވަނީ ކީއްވެތޯ މީޑިއާއިން ސުވާލުކުރުމުން ރަންދީރު ބުނެފައިވަނީ ރަންބީރު ބޭނުން ވާހަކައެއް ދެއްކުމުގެ މިނިވަންކަން އޭނާއަށް ލިބިގެން ވާކަމަށެވެ.

ކަޕޫރު އާއިލާއަށް ނިސްބަތްވާ ރަންދީރު ކަޕޫރަކީ ރާޖް ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅެވެ. ރަންދީރުގެ ހަގަށް ތިބޭ ދެބެއިން ކަމަށްވާ ފިލްމީ ތަރި ރިޝީ ކަޕޫރު އަދި ރާޖިވް ކަޕޫރު މަރުވެފައިވަނީ ކައިރިކައިރީގައެވެ. ރަންބީރު ކަޕޫރުގެވެސް ބައްޕަ، ރިޝީ ކަޕޫރު އުމުރުން 67 އަހަރުގައި މަރުވެފައިވަނީ ކެންސަރުބަލީގައި އުޅުމަށްފަހު 2020 ވަނަ އަހަރުގެ އެޕްރިލްގައެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ރާޖިވް ކަޕޫރު ވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެފައެވެ.