ގަތަރުގައި މިއަހަރު ނޮވެމްބަރު މަހު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުން މިރޭ އޮންނާނެއެވެ.

ގުރުއަތު ނެގުން އޮންނާނީ ގަތަރުގެ ވެރިރަށް ދޯހާގެ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސެންޓަރުގައެވެ. ގުރު ނެގުމުގެ ރަސްމިއްޔާތުގައި ދައުވަތު ދެވިގެން 2000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ. ގުރު ނެގުން ކުރިއަށް ގެންދާނީ ކުރީގެ ކޯޗުންނާއި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އަށް މީހުންގެ ޓީމަކުންނެވެ.

އެ ޓީމުގައި ކުރިން ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނުގެ ލޯތާ މެތައުސް އާއި ބްރެޒިލްގެ ޑިފެންޑަރު ކަފޫވެސް ހިމެނެއެވެ. އެ ދެކުޅުންތެރިންގެ އިތުރުން ދެން ގުރު ނަގާ ޓީމުގައި ހިމެނެނީ އޮސްޓްރޭލިއާގެ ލެޖެންޑް ޓިމް ކޭހިލްސް އާއި، ޖޭޖޭ އޮކޯޗާ އަދި އަޑެލް އަހުމަދުމަﷲ، އޭޝިއާގެ ފުޓުބޯޅަ ލެޖެންޑް އަލީ ދާއީގެ އިތުރުން އެކިއެކި ގައުމު ތަކާއެކު ވޯލްޑް ކަޕަށް ދިޔަ ކޯޗު ބޯރާ މިލުޓިނޮވިޗް އަދި ރަބާހް މާޖާ އެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތުގެ ހޯސްޓަކީ ކުރީގެ ކުޅުންތެރިޔާ ޖާމެއިން ޖީނަސް އެވެ.

ވޯލްޑް ކަޕަށް ކޮލިފައިވާ 32 ޓީމުގެ ތެރެއިން 29 ޓީމެއް މިހާރު ވަނީ ޔަގީންވެފައެވެ. މިހާތަނަށް ޔަގީން ނުވެ އޮތީ ޔޫރަޕްގެ ފައިނަލް ބުރުގެ ކޮލިފިކޭޝަންގައި ހިމެނޭ ވޭލްސް އާއި ސްކޮޓްލޭންޑް އަދި ޔޫކްރެއިން ވާދަކުރާ ބްރެކެޓްގެ ޓީމަކާއި އިންޓާ ކޮންޓިނެންޓަލް ޕްލޭ އޮފްއިން ކޮލިފައިވާ ދެޓީމެކެވެ. ޔޫރަޕްގެ ކޮލިފިކޭޝަން ނުނިމި އޮތީ ޔޫކްރެއިންގެ ހާލަތު ގޯސްވުމުންނެވެ. އިންޓާ ކޮންޓިނެންޓަލް ޕްލޭ އޮފް މެޗުތައް ތާވަލު ކޮށްފައި ވަނީ ޖޫން މަހަށެވެ.

ވޯލްޑް ކަޕް ގުރު ނަގަނީ 32 ޓީމު 8 ގްރޫޕަކަށް ބަހާލުމަށެވެ. ފީފާގެ ރޭންކިންއަށް ބަލައި ހަތަރު ޕޮޓަކަށް ޓީމުތައް ސީޑު ކޮށްފައިވާ އިރު، ގުރު ނެގުމާއެކު އަށް ގްރޫޕުގައި ހިމެނޭނީ ހަތަރު ޓީމެވެ.

ޕޮޓް 1: ގަތަރު، ބްރެޒިލް، ބެލްޖިއަމް، ފްރާންސް، އާޖެންޓީނާ، އިންގްލެންޑް، ސްޕެއިން، ޕޯޗުގަލް

ޕޮޓް 2: މެކްސިކޯ، ނެދަލޭންޑްސް، ޑެންމާކް، ޖަރުމަން، އުރުގުއޭ، ސްވިޒަލެންޑް، އެމެރިކާ، ކްރޮއޭޝިއާ

ޕޮޓް 3: ސެނެގާލް، އިރާން، ޖަޕާން، މޮރޮކޯ، ސާބިއާ، ޕޮލެންޑް، ދެކުނު ކޮރެއާ، ޓިއުނީޝިއާ

ޕޮޓް 4: ކެމަރޫން، ކެނެޑާ، އިކުއެޑޯ، ސައުދީ އަރަބިޔާ، ގާނާ، (ވޭލްސް/ ސްކޮޓްލޭންޑް/ ޔޫކްރެއިން)، (ކޮސްޓަރީކާ/ ނިއު ޒީލެންޑް)، (ޔޫއޭއީ/ އޮސްޓްރޭލިއާ/ ޕެރޫ)

މިފަހަރު ވޯލްޑް ކަޕް ގަތަރުގައި ކުރިއަށްދާނީ ނޮވެމްބަރު މަހު 21 އިން ޑިސެންބަރު 18 އަށެވެ. ވޯލްޑް ކަޕްގެ ގުރު ނެގުން މިރޭ އޮންނާނީ ރާއްޖެ ގަޑިން 9:00 ގައެވެ.