ޚަބަރު

ކަލާސް އެވޯޑް: އެއްވަނަ ރަފާއަށް

2019-2020 ވަނަ އަހަރުގެ ކަލާސް އެވޯޑުގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްއަށް ލިބިއްޖެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ކަލާސް އެވޯޑު ހަފުލާގައި ކަލާސް އެވޯޑު ހޯދި އެތުލީޓުންނަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ކަލާސް އެވޯޑުގެ އެއްވަނަ ރަފާއަށް ލިބުނުއިރު ދެވަނަ ލިބިފައިވަނީ ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދު އަށެވެ. ތިން ވަނަ ލިބިފައިވަނީ ދުވުންތެރިޔާ ހިމްނާ ހަސަން އަށެވެ. ހިމްނާއަކީ 2018 ވަނަ އަހަރު ކަލާސް އެވޯޑްގެ އެއްވަނަ ހޯދި އެތުލީޓެވެ.

އެއްވަނަ ލިބުނު ރަފާ އަކީ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ރަފާ ވަނީ މީގެ ކުރިން ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފައެވެ. މީގެ އިތުރުން ރާއްޖޭއިން ބޭރުގައި ބޭއްވި މުބާރާތްތަކުގައި ވެސް ރަފާ ވަނީ އެކި ވަނަތައް ހޯދައިފައެވެ.

ކަލާސް އެވޯޑުގެ ދެ ވަނަ ހޯދި ނިބާލްއަކީ ވެސް ރާއްޖޭގެ ބެޑްމިންޓަން ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖެއިން ބޭރުގައި ބޭއްވި މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

މިއަހަރު ތިން ވަނައަށް ދިޔަ ހިމްނާއަކީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން އެތުލީޓެކެވެ.