ޚަބަރު

ޑްރަގްގެ ބޮޑުން ދޫވަނީ އޮޅިގެން ހެދޭ ގޯސްތަކުން، ފުލުހަކު ގަސްތުގައި އެފުރުސަތެއް ނުދޭނެ: ސީޕީ

އަލީ ޔާމިން

މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް ގަސްތުގައި ފައިދާއެއް ހޯދައިދޭން އެއްވެސް ފުލުހަކު ނޫޅޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް ފަރާތްތައް އިޖުރާއަތްތައް ފުރިހަމަ ނުވާތީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލާފައި އެބަހުއްޓެވެ.

އެކަމަށް އިޝާރާތްކުރައްވައި ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސީޕީ ހަމީދު މިރޭ ވިދާޅުވީ، މަސްތުވާކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވައި، މަސްތުވާތަކެއްޗަށް އޮތް ހުރިހާ ދޮރެއް ބަންދުކުރުމަށް ހާއްސަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާލޭގައި ހުރި 46 ޑްރަގް ކެފޭއެއް ގަވައިދުން މޮނީޓާކުރަމުން އަންނަ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި މީހުން ހައްޔަރުކުރާއިރު ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އިސްކަންދޭ ކަމަށާއި ނަމަވެސް ބައެއް ފަހަރު "ހިއުމަން އެރާ" އެއްގެ ސަބަބުން އެފަދަ މީހުން ދޫވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ކެރިހުރެ ދަންނަވަން ކެރޭނެ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފުލުހަކު ގަސްތުގައެއް މަސްތުވާތަކެތީގެ މި މައްސަލައަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ތެރެއިން ފުލުހަކު ގަސްތުގައެއް މި ކުށްކުރާ ބޮޑެތި ކުށްކުރާ، ހާއްސަކޮށް ޓްރެފިކްކުރާ ފަރާތްތަކަށް ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށެއް ނުލާނެ. އޮޅިގެން ނުވަތަ ހިއުމަން އެރާއެއްގެ ތެރެއިން ކުރެވިފައި އޮވެދާނެ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޖިނާއީ އިޖުރާތުގެ ގާނޫނަށްވެސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.