ނައިބު ރައީސް ފައިސަލް ނަސީމް، ވޯލްޑް ގަވަންމަންޓް ސަމިޓް 2022 ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވައިލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ ދަތުރުފުޅުގައި ޔޫއޭއީގައި ބޭއްވި ވޯލްޑް ގަވަންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާ ދެމެދު ގަވާމެންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަރްޔަމް ބިންތް މުހައްމަދު ސައީދު ހަރެބް އަލްމެއިރީ ވަނީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެކްސްޕޯ 2020 ދުބާއީއަށް ޒިޔާރަތްކުރައްވައި އެކްސްޕޯގެ ރާއްޖޭގެ ޕެވިލިއަން އާއި ސައުދީ އަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައިފައެވެ.
ނައިބު ރައީސްގެ ޔޫއޭއީގެ ދުބާއީއަށް ކުރެއްވި އެ ދަތުރުފުޅުގައި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އަދި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު