ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ މުއްސަނދިކަމުގެ މިންވަރު ދޭތެރެދޭތެރެއިން ޝާއިއު ކުރެވެއެވެ. ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ މުއްސަނދިކަން ހާމަކޮށްދޭ އެއްވަސީލަތަކީ ބްލޫމްބާގް ބިލިއަނަރސް އިންޑެކްސްއެވެ.

ކުރިއަށްމިދާ މާޗްމަހުގެ އެންމެ ފަހު ހަފުތާގައި ޝާއިއު ކުރެވުނު ލިސްޓަށް ބަލާއިރު އެފްރިކާ ބައްރުގެ އެންމެ ބޮޑު މަހުޖަނަކީ ނައިޖީރިޔާގެ އަލިކޯ ޑަންގޯޓޭއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު ގާތްގަޑަކަށް ވިހި ބިލިޔަން ޑޮލަރަށް އަރައެވެ. ޑަންގޯޓޭއަކީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރެއިން ޓޮޕް 100ގެ ތެރޭގައި ހިމެނޭ އެފްރިކާގެ ހަމައެކަނި މަހުޖަނެވެ. އޭނާގެ ވިޔަފާރީގެ މައިގަނޑަކީ ސިމެންތިޔާއި ގަސްކާނާއެވެ.

ދުނިޔޭގެ ޓޮޕް 100 ގެ ލިސްޓުގައި ޑަންގޯޓޭގެ މަގާމަކީ މިވަގުތު 80 ވަނައެވެ. އެކަމަކު މި މާޗްމަހުގެ ކުރީކޮޅު އޭނާ އުޅުނީ ލިސްޓުގެ 73 ވަނައިގައެވެ. ލިސްޓުގައި 7 ދަރަޖައިގެ ވެއްޓުމެއް ކުރިމަތިވީ ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން އޭނާގެ ވިޔަފާރިއަށް އެރި ލޮޅުންތަކުގައި އެއް ބިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތިވުމުންނެވެ.

އެމެރިކާގެ ބިލް ގޭޓްސް އާއި ޖެފް ބެޒޯސްމެން ފަދަ މަހުޖަނުން ހިމެނޭ ލިސްޓްގެ ޓޮޕް 100ގެ ތެރޭގައި ހިމެނޭ އެފްރިކާގެ ހަމައެކަނި މީހަކީ އުމުރުން 64 އަހަރުވީ ޑަންގޯޓޭ ކަމަށްވާއިރު އެފްރިކާގެ އެހެން މަހުޖަނަކަށް އޭނާއާ ގާތްވެސް ނުކުރެވެއެވެ. އެފްރިކާގެ ދެވަނަޔަށް އެންމެ މުއްސަނދި މީހަކީ ދެކުނު އެފްރިކާގެ ޔޮހާން ރުޕާޓެވެ. ލިސްޓުގެ 204 ވަނައިގައިވާ ޔޮހާންގެ މިލްކިއްޔާތުގެ އަގަކީ ގާތްގަޑަކަށް އެގާރަ ބިލިޔަން ޑޮލަރެވެ.