ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑް ކަޕަށް ހާއްސަ ބޯޅާ، "އަލް ރިހްލާ" ދައްކައިލައިފިއެވެ.
އެޑިޑާސް ކުންފުނިން އުފެއްދި "އަލް ރިހްލާ" ރަސްމީކޮށް އިއްޔެ ދައްކައިލައިފައިވާ އިރު، އެ ބޯޅައަކީ ވޯލްޑް ކަޕް މުބާރާތްތަކަށް އެ ކުންފުނިން ތައްޔާރުކޮށް ނެރުނު 14 ވަނަ ބޯޅައެވެ. އެޑިޑާސްއިން ބުނެފައި ވަނީ "އަލް ރިހްލާ"އަކީ މިހާތަނަށް އުފެއްދި ބޯޅަތަކާ އަޅައި ބަލާއިރު ސްޕީޑު ބާރު ބޯޅައެއް ކަމަށެވެ. އަދި ވޯލްޑް ކަޕް ތާރީހުގައިވެސް ވައިގެ ތެރޭގައި އެންމެ ސްޕީޑް ބާރު ބޯޅައިގެ ގޮތުގައި ރިހްލާ ފާހަގަވާނެ ކަމަށް އެޑިޑާސްއިން ބުންޏެވެ.
އެޑިޑާސްއިން ބުނެފައި ވަނީ ރިހްލާއަކީ އެކިއުރެސީ ރަނގަޅު ބޯޅައަކަށްވެސް ވާނެ ކަމަށެވެ. އެ ބޯޅާއާ ބެހޭގޮތުން ތަފްސީލުތައް ހާމަކޮށްފައި ވަނީ އެޑިޑާސްގެ ފުޓުބޯޅަ ގްރެފްސް އަދި ހާޑްވެއާ ޑިޕާޓްމަންޓުން ކުންފުނީގެ ޑިޒައިން ޑިރެކްޓާ ފްރާންޒީކާ ލޮއިފެލްމަންއެވެ.
"ފުޓުބޯޅަ އަންނަނީ އޭގެ ޒާތުގައި އަވަސްވަމުން. ވައިތެރޭގައި ބޯޅައިގެ މިސްރާބު ރަނގަޅުވާން ޖެހޭ. ވައި ތެރޭގެ ސްޕީޑުވެސް މިހާރު އާދަޔާހިލާފަށް ރަނގަޅުވާން ޖެހޭ. އެހެންވީމަ ރިހްލާ އަކީ އެކަން ފުރިހަމަވާނެ ބޯޅައެއް،" ލޮއިފެލްމަން ބުންޏެވެ.
"އަލް ރިހްލާ"ގެ ނަމުން ބޯޅައަށް ނަން ދީފައި ވަނީ އަރަބިންނާ ގުޅުވާލައިގެންނެވެ. އެއީ ވޯލްޑް ކަޕް އޮތީ ގަތަރުގައި ކަމަށްވުމުންނެވެ. ރިހްލާއަކީ އަރަބި ބަހުން "ދަތުރު"ގެ މާނައިގައި ބޭނުންކުރާ ބަހެކެވެ.
އަގުހެޔޮ ކުރުމުގެ ގޮތުން ރިހްލާ ފަރުމާކޮށްފައި ވަނީ "ވޯޓާ ބޭސްޑް" ކުލަ އަދި ތެރަސް ބޭނުންކޮށްގެންނެވެ. ބޯޅަ އަގުހެޔޮ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އާދައިގެ ކޮމިއުނިޓީތަކަށްވެސް އެކަށޭނެ ގޮތެއްގައި ވަސީލަތްތައް ފޯރުކޮށްދިނުމަށް ފީފާއިން ފަށާފައިވާ ހާއްސަ ކެމްޕޭނުގެ ތެރެއިން އާންމު ފަރުދުންގެ ފައިދާއަށްޓަކައެވެ. ފީފާއިން ނިންމާފައިވާ ގޮތުގައި ރިހްލާ ބޯޅަ ވިއްކައިގެން ލިބޭ ފައިދާގެ އެއް ޕަސެންޓް ހަދިޔާކުރާނީ ފީފާގެ ކޮމަން ގޯލް މޫމަންޓަށެވެ.
ރިހްލާ ބޯޅައެއްގެ އަގު އެމެރިކާގައި 165 ޑޮލަރަށް އުޅޭ އިރު، އިނގިރޭސިވިލާތުގައި ވިއްކާނީ 130 ޕައުންޑަށެވެ. ޔޫރަޕްގެ އެހެން ގައުމުތަކުން ގަންނަން ލިބޭނީ 150 ޔޫރޯއަށެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް