ކުރިއަށް އޮތް ރޯދަ މަހު ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތްދޭ ގަޑިތައް ހާމަކޮށްފި އެވެ.
ވެމްކޯ އިން ބުނީ މި ރޯދަ މަހު އެ ކުންފުނިން ގޭބިސީތަކަށް ހިދުމަތް ދޭނީ ރޭގަނޑު 8:00 އިން 00:00 އަށް ކަމަށެވެ. އަދި ވޭސްޓު ޓްރާންސްފާ ސެކްޝަން ތަކުން ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން 17:00 އަށް އަދި ރޭގަނޑު 8:00 އިން 00:00 އަށް ހިދުމަތް ލިބޭނެ ކަމަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް ހިދުމަތް ލިބޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. އޭގެ އިތުރުން ރޭގަނޑުވެސް 00:00 އާ ހަމަޔަށް ހިދުމަތް ލިބޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނީގެ ކެޕްސްގެ ހިދުމަތް ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ހެނދުނު 9:00 އިން 17:00 އަށް ލިބޭނެ ކަމަށާއި ރޭގަނޑު 8:00 އިން 00:00 އާ ހަމަޔަށްވެސް ލިބޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ. ހުކުރު ދުވަހު މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 17:00 އާ ހަމަޔަށް ލިބޭއިރު ރޭގަނޑު 8:00 އިން ފެށިގެން 00:00 އާ ހަމަޔަށްވެސް މި ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯ އިން ބުނީ މިއީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއަށްވެސް ކަނޑައަޅާފައިވާ ގަޑިތައް ކަމަށެވެ.
ވެމްކޯ އިން މިހާރު ގޭބިސީތަކުގެ ކުނި ނަގަން ފަށަނީ އިރު އޮއްސި 6:00 ގެ ފަހުންނެވެ.