ޚަބަރު

ތިލަމާލެ ބްރިޖް: އަންނަ އަހަރު ނިމޭއިރު މާލެއިން ގުޅިފަޅަށް ގުޅާލެވޭނެ

އަލީ ޔާމިން

1

ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން އަންނަ އަހަރު ނިމޭއިރު މާލެއިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލާނެއެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، އަމާޒަކީ މަސައްކަތް ފަށާތާ 27 މަސް ދުވަހުގެ ތެރޭގައި މާލެއިން ގުޅިފަޅަށް ގުޅާލުން ކަމަށެވެ. އަދި މާލެއިން ތިލަފުއްޓަށް ގުޅާލުމަށް އަމާޒު ހިފާފައިވަނީ 2024 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް އެޅުމަށް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްފައިވާއިރު މިހާރު ކުރިއަށް ދަނީ މޮބިލައިޒޭޝަން މަސައްކަތެވެ. އަދި ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގައި މާލެއިން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ހަދާނެއެވެ.

ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއްބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންދާ މި ބްރިޖްގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅައިލާނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ދައުރު ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހި ނިންމައިލުމެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބްރިޖް މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.