މުނިފޫހިފިލުވުން

ވިލް ސްމިތަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް އެކެޑެމީގެ ގަވަރުނަރުންގެ ބޯޑު ބައްދަލުވުމެއް މާދަމާ ބާއްވަނީ

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި 94 ވަނަ އެކަޑަމީ އެވޯޑު ހަފުލާގައި ކްރިސް ރޮކްގެ ކަންކަށިމަތީގައި ޖެހި މައްސަލަ ބެލުމަށް ހަފުލާ އިންތިޒާމުކުރި އެކެޑެމީން ނިންމައިފައެވެ.

މި ހަފުލާގައި ކްރިސް ރޮކްގެ މޫނުމަތީގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކުރި ވިލް ސްމިތު ޖަހާފައިވާއިރު އެ މައްސަލަ އެކަޑަމީން ކުށްވެރިކޮށް ތަހުގީގުކުރާނެ ކަމަށް ބުނެ ބަޔާނެއް ވަނީ ނެރެފައެވެ.

މާދަމާއަށް ތާވަލުކުރެވިފައިވާ ގަވަރުނަރުންގެ ބޯޑުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވިލް ސްމިތުގެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު ވިލްއާ ދެކޮޅަށް އަޅާނެ ކަމަށް ބެލެވިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އޭނާ ހާސިލުކުރި އެންމެ މޮޅު އެކްޓަރުގެ އެވޯޑު އަނބުރާ އަތުލުމާއި ދާއިމަށް އޮސްކާގެ އެވޯޑު ހަފުލާތަކުން މަހުރޫމުކުރުމުގެ އިތުރުން އެކެޑެމީން އެއްކޮށް ބޭރުކުރުން ހިމެނެއެވެ.

ވިލް ސްމިތު ވަނީ އޭނާގެ އަމަލުތަކާ ގުޅިގެން ހަމަލާ އަމާޒުވި ކްރިސް ރޮކްގެ ކިބައިންނާއި އެވޯޑު ހަފުލާ އިންތިޒާމުކުރި އެކެޑެމީގެ ޕްރޮޑިއުސަރުންނާއި އިންތިޒާމުކުރި ފަރާތްތަކުގެ ކިބައިންނާއި އެންމެހާ މެހެމާނުންގެ ކިބައިންން މައާފަށް އެދި އިންސްޓަގުރާމްގައި މިއަދު ޕޯސްޓެއް ކޮށްފައެވެ.

މީގެ ކުރިން މިހާތަނަށް އޮސްކާ ހަފުލާތަކުން މަހުރޫމު ކުރެވި އެކެޑެމީން އެއްކޮށް ބޭރުކުރެވިފައިވާ ތަރިންގެ ތެރޭގައި، ބަދު އަހުލާގީ މައްސަލަތައް ސާބިތުވި ހާވީ ވެއިންސްޓެއިން އަދި ބިލް ކޮސްބީ ހިމެނެއެވެ.

ކޮންމެ އެވޯޑު ހަފުލާއަކަށްފަހު މަޝްވަރާތައް ކުރުމަށް އެކެޑެމީގެ ބޯޑު ބައްދަލުވުމެއް ބާއްވަމުން އައިސްފައިވީ ނަމަވެސް، އެވޯޑު ހަފުލާއަށްފަހު މިހާ އަވަސް މުއްދަތެއްގައި މިހާތަނަށް ބޯޑު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ވިލްގެ އަމަލުތަކާ ގުޅިގެން އެކެޑެމީން މީގެކުރިން ބަޔާނެއް ނެރެފައިވާއިރު އެއްވެސް ހާލެއްގައި މަރާމާރީއަށް ޖާގަ ނުދޭނެ ކަމަށާއި އެކަމާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އާދިއްތަ ދުވަހުގެ ރޭ ލޮސް އެންޖެލިސްގައި ކުރިއަށް ދިޔަ 94ވަނަ އޮސްކާސް އެވޯޑު ހަފުލާގައި ވިލް ސްމިތު ސްޓޭޖަށް އަރައި ކްރިސް ރޮކްގެ މޫނުމަތީ ޖަހާފައިވަނީ ވިލްގެ އަންހެނުން ޖާޑާ ޕިންކެޓް ސްމިތުގެ ބޯ ތަލަވުމާ ގުޅޭގޮތުން ކްރިސް ރޮކް މަޖަލަކަށް ދެއްކި ވާހަކައެއްގެ ސަބަބުންނެވެ.

ޖާޑާ އަކީ އެލޮޕީޝިއާ ބަލި ނުވަތަ ބޮލުން އިސްތަށި ފައިބާ ބަލި ތަހައްމަލު ކުރަމުންދާ މީހެކެވެ. ކްރިސް ރޮކްގެ މަލާމާތާ ގުޅިގެން ޖާޑާގެ ލޮލުން ނުރުހުން ފާޅުވުމާއެކު ވިލް ސްމިތު ވަނީ ސްޓޭޖަށް އަރައި ކްރިސް ރޮކަށް ހަމަލާ ދިނުމަށްފަހު، ސްޓޭޖުން ފޭބުމަށްފަހުވެސް އޭނާގެ އަންހެނުންގެ ނަން ނުކިޔުމަށް ބުނެ ކްރިސް ރޮކްއަށް އިންޒާރުދީފައެވެ.