Close
ޚަބަރު

ރޯދައަށް އެމްޕީއެލް ތައްޔާރު، ކާބޯތަކެތި ކްލިއާ ކުރުން އަވަސްވާނެ!

މުހައްމަދު ޖަމްޝަތް ވަހީދު

މިއަހަރުގެ ރޯދަ މަހަށް އެކުންފުނި ތައްޔާރުވެފައިވާ ކަމަށާއި ރޯދަމަހު ރާއްޖެ އެތެރެކުރާ މުދާތައް ކްލިއާކުރުން އަވަސްވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ރޯދައަށް އެމްޕީއެލްގެ އޮޕަރޭޝަންސް ތަކަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫތު ދެއްވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ރޯދަ މަހަށް އެކުންފުނީގެ އޮޕަރޭޝަންސް ތަކަށް ބަދަލުތަކެއް ގެންނަން ރާވައިފައިވާ ކަމަށެވެ. އަދި ރޯދަމަހަށް އޮޕަރޭޝަންތައް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއްވެސް ދައްޗެއް ނެތި ހިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރޯދައާ ދިމާކޮށް ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ޕެރިޝަބަލް (އަވަހަށް ހަލާކުވާ ޒާތުގެ) މުދާ ކުލިއަރުކުރުމަށް ހާއްސަ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންސްއަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށާއި ކޮންޓެއިނާ ހުސްކުރަން މިހާރު ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން ބައެއް ވެހިކަލް ޕެރިޝަބަލް މުދާ ކުލިއާ ރުކުރުމަށް ހަމަޖައްސާފައިވާނެ ކަމަށެވެ.

"ޕެރިޝަބަލް މުދާ ކްލިއާ ކުރުމުގެ އޮޕަރޭޝަންސްގެ ކަންތައް މޮނީޓާ ކޮށް ދިމާވާ ދަތިތައް ވަގުތުން ހައްލުކުރުމަށްޓަކައި ހާއްސަ ޓީމެއް ހަރަކާތްތެރި ވާނެ މުޅި ކާގޯ އޮޕަރޭޝަން ތެރޭގަ. މުދާ ކްލިއާ ކުރުން އަވަސްވެ ކޮންސައިނީ އާ ހަމަޔަށް އަވަހަށް މުދާ ފޯރުމުން އަވަހަށް މުދާ މާކެޓަށް ނެރެވޭނެ. އޭގެ ސަބަބުން މުދަލުގެ އަގު ހިފެހެއްޓުމަށް އެހީވާނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަވަހަށް ހަލާކުވާ މުދާ ކްލިއާ ކުރުމުގެ އޮޕަރޭޝަން އަވަސް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ ހިމެނޭހެން އެމްޕީއެލްގެ ސީނިއާ ޓީމެއް ދާދިފަހުން ސޫތުކުޅިއަށް ވެސް ދަތުރުކޮށް އެތަނުގެ ކޯސްޓަލް ނެވިގޭޝަން ޖަމިއްޔާތަކާއި ޝިޕިން އޭޖެންޓުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.


އެ ދަތުރުގައި ކޮންޓެއިނާތައް ބަރުކުރުމުގައި އަވަހަށް ހަލާކުވާ މުދާ އަވަހަށް ހުސްކުރަން ފަސޭހަވާނެ ގޮތްގޮތަށް ބަރުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އަވަހަށް ހަލާކުވާ މުދާ ވީހާވެސް އަވަހަކަށް ރާއްޖެއަށް ފޯރުކޮށް ދިނުމަށްޓަކައި ކުޅުދުއްފުށީ ބަނދަރަށް އެ ބާވަތުގެ މުދާ ގެންދެވޭތޯ އެ ދަތުރުގައި މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަމަހު އެމްޕީއެލްއިން މުދާ ކުލިއާ ކުރަން ހަމަޖައްސާފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 2:00އަށް، އަދި ރޭގަނޑު 9:00 އިން ދަންވަރު 1:30 އަށެވެ. ނަމަވެސް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކުލިއާ ކުރުމުގެ މަސައްކަތް ބަންދު ގަޑީގަ އާއި ހުކުރު ދުވަހު ވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ރޯދައަށް މުދާ ހިފައިގެން އައި ދެ ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދެއެވެ. މީގެ އިތުރުން ބަނދަރުގައި ދެބޯޓެއް އޮތް އިރު، މި ހަފުތާގެ ތެރޭގައި އިތުރު ދެ ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.