މުނިފޫހިފިލުވުން

ކްރިސް ރޮކްގެ ކިބައިން ވިލް ސްމިތު މައާފަށް އެދިއްޖެ

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި 94 ވަނަ އެކަޑަމީ އެވޯޑު ހަފުލާގައި ކްރިސް ރޮކްގެ ކަންކަށިމަތީގައި ޖެހި މައްސަލައަށްފަހު، އޭނާގެ ކިބައިން ވިލް ސްމިތު މައާފަށް އެދިއްޖެއެވެ.

ވިލް ސްމިތު ސްޓޭޖަށް އަރައި ކްރިސް ރޮކްގެ މޫނުމަތީ ޖަހާފައިވަނީ ވިލް ސްމިތުގެ އަންހެނުން ޖާޑާ ޕިންކެޓް ސްމިތަށް މަލާމާތް ރައްދުވާގޮތަށް މަޖަލަކަށް ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

މި މައްސަލަ ބޮޑު ބަހުސަކަށްވެ، އެއްބަޔަކު ވިލް ސްމިތުގެ ދިފާއުގައި ވާހަކަ ދައްކަމުން އަންނަ އިރު، ގިނަ ބަޔަކު އަންނަނީ ވިލް ސްމިތުގެ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވެސް ބުނަމުންނެވެ. އަދި އެރޭ ވިލް ސްމިތަށް ލިބިގެން ދިޔަ އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑު އަނބުރާ އަތުލުމަށްވެސް ބައެއް ފަރާތްތަކުން ގޮވާލާފައިވާ އިރު، އޮސްކާ އެވޯޑު ހަފުލާ އިންތިޒާމުކުރި ދި އެކެޑެމީސް އިން ވަނީ މަރާމާރީއަށް ހިތްވަރު ނުދެވޭނެ ކަމަށް ބުނެ ޓުވީޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކްރިސް ރޮކް ވާހަކަ ދައްކާފައިނުވާ އިރު، މަރާމާރީގެ މައްސަލަ ފުލުހަށް ރިޕޯޓުކުރުމަށް ވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.

އެވޯޑު ހަފުލާގައި ކްރިސް ރޮކްގެ ކިބައިން މައާފަށް އެދިފައި ނުވި ނަމަވެސް ވިލް ސްމިތު ވަނީ އިއްޔެ ރަސްމީކޮށް އޭނާގެ އިންސްޓަގުރާމުގައި ކްރިސް ރޮކަށް ރަސްމީކޮށް މައާފަށް އެދި ދިގު ޕޯސްޓެއް ކޮށްފައެވެ. ވިލްގެ ޕޯސްޓުގައި އޭނާ ވަނީ މަރާމާރީ އަކީ ކޮންމެ ހާލަތެއްގައި ނަމަވެސް ނުރައްކާތެރި އަދި ގެއްލުން ހުރި ކަމެއް ކަމަށް ބުނެފައެވެ. އަދި އެރޭ އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމަށާއި އެކަން ބަލައިގަނެވިގެން ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ވަނީ ބުނެފައެވެ.

ވިލް ބުނީ އޭނާއާ ގުޅުވައިގެން ކޮންމެ ފަދަ ޖޯކެއް ޖެހިޔަސް ބަލައިގަންނާނެ ކަމަށާއި ނަމަވެސް އަންހެނުންނަށް ދިމާވެފައިވާ ސިއްހީ މައްސަލައަކާ ގުޅުވައިގެން ޖޯކު ޖެހުމަކީ އޭނާއަށް ކެތްކުރެވޭ ވަރަށްވުރެ ބޮޑަށް އަސަރުކުރި ކަމެއް ކަމަށެވެ.

ވިލްގެ އަމަލުތަކާ މެދު ލަދުވެތިވާ ކަމަށް ބުނެ ކްރިސްގެ ކިބައިން މައާފަށް އެދޭ ކަމަށާއި މަރާމާރީއަށް ޖާގަ ދޭން ބޭނުންނުވާ ކަމަށް ވިލް ސްމިތު ވަނީ ބުނެފައެވެ. ކްރިސް ރޮކްގެ ނަން ގެނެސް ރަސްމީކޮށް މައާފަށް އެދި ކުރި ޕޯސްޓުގައި އޭނާ ވަނީ އެކެޑެމީއަށާއި ޝޯގެ ޕްރޮޑިއުސަރުންނާއި ހާޒިރުވެ ތިބި މެހެމާނުން އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަފުލާ ބަލަމުންދިޔަ މީހުންގެ ކިބައިންވެސް މައާފަށް އެދިފައެވެ.

އޭގެ އިތުރުން އޭނާގެ އާއިލާގެ ކިބައިންނާއި، ވިލް ސްމިތަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނު ފިލްމު ''ކިންގް ރިޗާޑް'' އާއިލާގެ ކިބައިންވެސް ވަނީ މައާފަށް އެދިފައެވެ. ވިލް ސްމިތުގެ ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ އޭނާއަކީ އަމަލުތައް އިސްލާހު ކުރަން މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށެވެ.