ސިޔާސީ ހަރަކާތްތަކަށް ހަވާއެރުވުމުގެ ހިދުމަތް ފޯރުކޮށްނުދޭކަމަށް އެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުނިކަމަށްވާ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ބުނެފިއެވެ.
ޅ. ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ޕީޕީއެމްގެ ކާމިޔާބީ ފާހަގަކުރަން ހަވާ އަރުވައިދޭން ޕީޕީއެމުން ވަނީ އެދިފައެވެ. ނަމަވެސް އެކަން ނުކުރެވޭނެކަމަށް ސިފްކޯއިން ވަނީ ޕީޕީއެމްއަށް އަންގައިފައެވެ.
"ސިޔާސީ ހަރަކާތްތަކަށް ފަޔަވޯކްސް ހިދުމަތް ދިނުމަށް މި ކުންފުންޏަށް ހުއްދަލިބިފައި ނުވާތީ އެދިލައްވާފައިވާ ފަޔަވޯކްސް ހިދުމަތް ފޯރުކޮށްދެވެން ނެތް ވާހަކަ ދެންނެވީމެވެ." ސިފްކޯއިން ބުންޏެވެ.
ކުރެންދޫ ބައި އިލެކްޝަނުގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ހަވާއެރުވުމުގެ އިވެންޓް ސޮޕޮންސަރކުރީ ނޮޅިވަރަމް ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު)އެވެ.
ހަވާ އަރުވައި ނުދޭން ސިފްކޯ އިން ނިންމުމުން ނަޝީދު ފޭސްބުކުގައި ވިދާޅުވީ، ހަމައެކަނި ސިފްކޯއިން ފޯރުކޮށްދޭ ހިދުމަތެއް ވަކި ސިޔާސީ ޕާޓީއަކަށް ވުމުން ފޯރުކޮށް ނުދިނުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. ނަމަވެސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބު ވުމުން މީގެ ކުރިން ހަވާ އަރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ހަވާ އަރުވައިދޭން އޭނާ ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަވާ އެރުވުމުގެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު