ކުރިއަށް އޮތް ހައެއްކަ އަަހަރުތެރޭގައި އެމްޓީސީސީން ބޭރުގައުމުތަކުގައި މަޝްރޫއުތައް ހިންގާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް އެގޮތައް ވިދާޅުވީ އައްޑޫ ސިޓީ މީދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
އާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީއާ ހަވާލުވެލެއްވި ދުވަހު ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކަށް އެކުންފުނި ހެދުމަށް ރައީސް ސޯލިހު އިރުޝާދު ދެއްވި ކަމަށާއި އެ ލަނޑުދަނޑި ހާސިލުކުރުމަށް ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ރާއްޖެ ތަރައްގީކޮށް ކުންފުނީގެ ފެންވަރު ދައްކާލުން ކަމަށެވެ. އަދި އެމްޓީސީސީ ފުޅާކުރުމަށްޓަކައި ކުރަންޖެހޭ ބޮޑެތި ކަންތައްތަކެއް ކުރުމަށް ސަރުކާރުގެ އެހެނިހެން ވުޒާރާތަކާ ގުޅިގެން މަޝްވަރާ ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ފަހެއް ނުވަތަ ހައެއްކަ އަހަރު ތެރޭގައި އެކުންފުނިން ރާއްޖެއިން ބޭރުގައި މަޝްރޫއުތައް ހިންގަން ފަށާނެ ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގެ ކުންފުންޏަކަށް ބޭރުގައުމުތަކުގައި އޮޕަރޭޓް ކުރުމަށް ލިބެނީ މަދު ފުރުސަތެއް ކަމަށާއި އެ ފުރުސަތު ފަހިކޮށްދީ ކުންފުނިތައް ފުޅާކުރުމަށް ރައީސް ސޯލިހުގެ ފުރިހަމަ އެއްބާރުލެއްވުން ލިބެމުންދާ ކަމަށެވެ. އަދި ކުންފުނިތަކަށް އެ ފުރުސަތު ހޯދައިދޭން ރައީސް ސޯލިހު މަސައްކަތް ކުރައްވާއިރު އެފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ރާއްޖޭގެ ކުންފުނިތައް ބޭރުގައުމުތަކުގައި ފައިހަމަކޮށްދޭ ކުންފުނިތަކަށް ހަދައި ދިނުމައްޓަކައި އަތުކުރި އޮޅާލައިގެން ހުންނެވި ރައީސް އެއް. އަޅުގަނޑުމެންނަށް މިކަހަލަ ފުރަސަތެއް މި ލިބެނީ ދުނިޔޭގައި މަދު ފަހަރެއްގަ. މިކަހަލަ ފުރުސަތެއް ލިބުނީމަ ރެއާއި ދުވާލު މަސައްކަތް ކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށްޓަކައި އަދި، ނަފާ ހޯދައި ދޭން ރައީސް އެއް ހުރެއްޖެއްޔާ އަޅުގަނޑުމެން ކީއްވެތޯ އެ ފުރުސަތުގެ ބޭނުން ނުކުރާން ވީ," އާޒިމް ވިދާޅުވިއެވެ.
"އެންމެން ގޮވައިގެން އެންމެން އެކައްޗެއް ކިޔައިގެން އެންމެން އެއް އަމާޒެއްގައި" މަސައްކަތް ކުރާ މަންޒަރު މިހާރު ފެންނަ ކަމަށާއި ވިޝަނެއް އޮވެއްޖެނަމަ، އެ ވިޝަނެއް ކާމިޔާބު ކުރެވޭނީ މުރާލިކަމާއި ހީވާގިކަމެއް ހުރި ލީޑާރަކާއެކު ކަމަށެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އެފަދަ ކެރޭ ހީވާގި މުރާލި އަދި ލީޑަޝިޕް ވަރުގަދަ ބޭފުޅެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.