ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 298 އަށް އަރައިފިއެވެ.
ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު "ވަން" އަށް ބުނީ، އެންމެ ފަހުން ކޮވިޑު ބަލީގައި މީހަކު މަރުވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި މަރާއެކު ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 298 އަށް އަރައިފައެވެ. 279 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް 2342 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން 184 މީހަކާއި އަތޮޅުތެރެއިން 1938 މީހުންނެވެ.
ރާއްޖެއިން ކޮވިޑު ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 176،993 އަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު