Close
ރައްޔިތުންގެ މަޖިލިސް

ރިފްއަތާއި އިމްރާންގެ ތެރެއިން އިތުރުފުޅު ހެއްދެވީ ކޮން ބޭފުޅެއްތޯ ބަލަން މަޖިލީހުން ފާހެއް ނުވި

އިބްރާހިމް ޒަކީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާ ދެބޭފުޅުންގެ ތެރެއިން އިތުރުފުޅު ހެއްދެވި ބޭފުޅަކު ދެނެގަނެ، އެބޭފުޅަކަށް ގާނޫނީ ފިޔަވަޅުއަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި، އެ މައްސަލަ މަޖިލިސް ކޮމިޓީއަކަށް ފޮނުވައިގެން ތަހުގީގު ކުރަން، މަޖިލީހުން ފާހެއް ނުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަހުގީގީ މަރުހަލާގައި ދިވެހި ފުލުންގެ ތެރޭގައި ތިބޭ ބައެއް މީހުންނާއި، ތަހުގީގީ އެހެން އިދާރާތަކުގައި ހިމެނޭ މީހުން ގަސްތުގައި ގޯސްހަދާކަމަށް، އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވުމުން، އެފަދަ މީހުން ފުލުންގެ ތެރޭގައި ނެތްކަމަށް، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން އޭގެ ތެރެއިން އިތުރުފުޅުހެއްދެވީ ކޮން ބޭފުޅެއްތޯ ބަލައި އިތުރުފުޅު ހެއްދެވި ބޭފުޅަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލައިގެ ބަހުސްގައި، މަޖިލިސް ކޮމިޓީއަކަށް އެ މައްސަލަ ފޮނުވައިގެން ތަހުގީގު ކުރަން ހުށަހެޅުއްވީ، އެމްޑީޕީގެ މެންބަރު ވެލިދޫ ދާއިރާގެ މުހައްމަދު އަބުދުﷲ ޝަފީގެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމެވެ.

އެގޮތަށް މައްސަލަ ކޮމިޓީއަށް ގެންގޮސް ތަހުގީގު ކުރަން ފެނޭތޯ ބަލަން ނެގި ވޯޓުގައި، އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ވޯޓު ދެއްވީ، އެވަގުތު ޖަލްސާގައި ތިއްބެވި 23 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނެވެ. އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ނުފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ކޮމިޓީއަށް ފޮނުވަން 12 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.

ރިފްއަތާއި އިމްރާނާ ދެ ބޭފުޅުންގެ ތެެރެއިން ކޮންމެވެސް އެއްބޭފުޅަކު އެ މައްސަލައިގައި އިތުރުފުޅު ހައްދަވާފައިވޭތޯ ބެލުމަށް ހުށަހެޅުއްވީ، އެ ދެބޭފުޅުން ދެއްކެވި ވާހަކައާ ގުޅިގެން، އޭގެ ތެރެއިން އެއްބޭފުޅަކު އިތުރުފުޅު ހައްދަވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.