މަސްތުބާތަކެތިގެ މައްސަލަތަކުގެ ތަހުގީގީ މަރުހަލާގައި ގަސްތުގައި ގޯސްހަދާ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގަ އާއި އެހެނިހެން ތަހުގީގީ އިދާރާތަރުގައި އެބަތިބިކަމަށް، އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތު މަޖިލިސް ކޮމިޓީގައި ވިދާޅުވެފައިވަނިކޮށް، އެފަދަ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މަޖިލިސް ތަޅުމުގައި ވިދާޅުވެފައިވާތީ، އޭގެ ތެރެއިން އިތުރުފުޅު ހެއްދެވީ ކޮން ވަޒީރެއްތޯ ބެލުމަށް އެ މައްސަލަ ތަހުގީގު ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު މަޖިލީހުގައި ކުރާ ސުވާލަކަށް ވަޒީރު ޖަވާބުދޭން ޖެހޭނީ ތެދުބަހުން ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބުނާއިރު، އެ މައްސަލައިގައި ހޯމް މިނިސްޓަރު، އަދި އެޓާނީޖެނެރަލް، އެ ދެބޭފުޅުންގެ ތެެރެއިން އިތުރުފުޅުހެއްދެވީ ކޮން ބޭފުޅެއްތޯ ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ގޮވާލައި، އިދިކޮޅު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު މެންބަރު ހުށަހެޅުއްވި ނަމަވެސް އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފާސްކުރީ އީވާގެ އިތުރުން، އެމްޑީޕީގެ އިތުރު މެންބަރުންގެ ވޯޓާއެކުގައެވެ.
އީވާ ވިދާޅުވީ، އެ މައްސަލައަށް ވޯޓު ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން އަދި، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އެއީ ބަލަން ނުޖެހޭނެ މައްސަލައެއް ކަމަށް ނުފެންނާތީ ކަމަށެވެ. އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ގުޅިފައިވާ މައްސަލައެއް ކަަމަށްވެސް އީވާ ވިދާޅުވިއެވެ.
ވަޒީރުން، މަޖިލީހުގައި ވާހަކަ ދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، ދިވެހި ފުލުންގެ ތެރޭގައި ގަސްތުގައި ގޯސްހަދާ ބަޔަކު އެބަތިބިކަމަށް، އެޓާނީޖެނެރަލް ވިދާޅުވުމުން، އެފަދަ ބަޔަކު ނެތްކަމަށް ހޯމް މިނިސްޓަރު ވިދާޅުވާއިރު، މުޅި ދުނިޔޭގެ ފުލުހުންގެ އިދާރާ އާއި ކޯޓުތަކުގައި އެފަދަ މީހުން ތިބޭނެކަމަށް ގަބޫލު ކުރަންޖެހޭކަމަށް އީވާ ވިދާޅުވިއެވެ.
"މުޅި ދުނިޔޭގެ ފުލުހުންގެ އިދާރާ ތަކާއި، ކޯޓުތަކުގައި، ގަސްތުގައި ގޯސްހަދާ ބަޔަކު އުޅޭކަން އިނގޭ، ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކާއި ހިއުމަން ޓްރެފިކިންއާ ގުޅޭ ބޮޑެތި ޖަރިމާތަކުގައި، އެއީ ދޮގު ނުކުރެވޭނެ މައްސަލައެއް،"
ނަމަވެސް އެއްވެސް ތަހުގީގެއް ކުރުމެއް ނެތި، ދިވެހި ފުލުހުންގެ ތެރޭގައި އެފަދަ ބަޔަކު ނެތްކަމަށް ކުއްލިއަކަށް ހޯމް މިނިސްޓަރަށް ވިދާޅު ނުވެވޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، "ކަމެއް ރަނގަޅު ކުރަން މީހަކު ބުނީމާ ކުއްލިޔަކަށް އެއުޅެނީ ސަރުކާރު ބޭޒާރު ކުރަންށޭ، ގައުމު ފަލީހަތް ކުރަންށޭ، ކިއުމުގެ ބަދަލުގައި ރައްޔިތުންގެ އިތުބާރު ނެގެހެއްޓޭނީ ގޯހެއް އޮތިއްޔާ އެ ރަނގަޅު ކުރާނަމޭ ކިޔާފައި އެއަށް މަސައްކަތް ކުރުމުން،" ކަމަށެވެ.
އެއްވެސް ހަގީގަތެއްނެތި އޭޖީ އެގޮތަށް ވާހަކަފުޅު ނުދައްކަވާނެ ކަމަށާއި، އެހެންކަމުން ހޯމް މިނިސްޓަރު އެކަން ތަހުގީގުކޮށް އެކަމުގެ ނަތީޖާ މަޖިލީހަށް ގެންނަންޖެހޭ ކަމަށްވެސް އީވާ ވިދާޅުވިއެވެ.