ދިރާގުގައި އެންމެ ގިނަ އަހަރު ވަޒީފާގައި އުޅުނު މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ދިރާގުގެ އަހަރީ އެވޯޑް ހަފްލާގައި އެކުންފުނިން ވަނީ ކުންފުންޏަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައެވެ.
އެގޮތުން ދިރާގުން ވަނީ އެކުންފުންޏަށް 10 އަހަރާއި 15 އަހަރު އަދި 25 އަހަރު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފައެވެ. އޭގެތެރޭގައި އެ ކުންފުންޏަށް ގިނަ ދުވަހު މަސައްކަތް ކުރި 102 މުވައްޒަފެއްގެ އަގުވަޒަންކޮށް އެވޯޑް ދީފައިވެއެވެ.
އެވޯޑް ހަފްލާގައި ދިރާގުން ވަނީ 14 މުވައްޒަފަކަށް ޑިވިޝަނަލް މެރިޓް އެވޯޑާއި 12 މުވައްޒަފަކަށް ސްޕެޝަލް މެރިޓް އެވޯޑާއި ތިން މުވައްޒަފަކަށް އިނޮވޭޓިވް އެވޯޑްގެ އިތުރުން ދެ މުވައްޒަފަކަށް އައުޓްސްޓޭންޑިން އެވޯޑް ދީފައެވެ.
ދިރާގުން ދީފައިވާ އެންމެ ހާއްސަ އެވޯޑް ކަމަށްވާ ޗެއާމަންސް އެވޯޑް ލިބިފައިވަނީ އިންޖިނިއާ ޕްރޮޑްކްޓް ޑިވެލޮޕްމަންޓް އެންޑް އާކިޓެކްޗަރާ އިބްރާހިމް ޔާސިރަށެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުގެ ހަގީގީ ކާމިޔާބީއަކީ އެކުންފުނީގެ މުވައްޒަފުން ކަމަށާއި މުވައްޒަފުން އުފަލުގައި ބެހެއްޓުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.