ޚަބަރު

ޕޮލިސް އެކަޑެމީއަކީ މި ސަރަހައްދުގެ "އައިކޮނިކް" ތަނަކަށް ވާނެ ކަމަށް އުންމީދު ކުރަން: ޖައިޝަންކަރު

އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑެމީ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" އަކީ "އައިކޮނިކް" ތަނަކަށް ވަރަށް އަވަހަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގޮންޖެހުންތަކާ އެކުވެސް ރަނގަޅު ފުލުހުންގެ ފައުޖެއް އުފައްދާނެ ތަނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ އެ އެކަޑަމީއަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ ވެސް ބޮޑު އުފަލެއް ކަމަށާއި އެކަޑެމީގައި ފުރަތަމަ ފަހަރަށް ދިދަ ނެގި ވަގުތަކީ ވަރަށް ފަހުރުވެރި އިހްސާސެއް ކުރެއްވުނު ވަގުތުކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އުއްމީދަކީ އެންސީޕީއެލްއީ އަކީ އައިކޮނިކް ތަނަކަށް ވަރަށް އަވަހަށް ވެގެން ދިއުން. އަދި އެ އެކަޑަމީ އިން ތަމްރީން ހާސިލުކުރާ ފަރާތްތަކަކީ ފުލުސް ފޯސްއެއްގައި ހުންނަންޖެހޭ އެންމެ ރަނގަޅު ސިފަތައް ލިބިގެންވާ ބަޔަކަށް ވުން،" ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު ވިދާޅުވީ އެ އެކަޑެމީއަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުންކަމުގެ ރަމްޒެއް ކަމަށާއި އިންޑިއާގެ ސަރުދާރް ވައްލަވާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑެމީއާއެކު މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ޕޮލިސް އެކަޑެމީގެ ތަމްރީނުތަކުގެ ގާބިލުކަން އިތުރުވެ، އެތަން ތަރައްގީވުމަށް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަމުން ޖައިޝަންކަރު ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ 40 މިލިއަން ޑޮލަރުގެ ފައިނޭންސް އެގްޒިމް ބޭންކުން މިހާރު ދޫކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގައި އެކި ރަށްތައް ހިމެނޭ ގޮތަށް 61 ޕޮލިސް ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ޑިޓެންޝަން ސެންޓަރުތަކާއި ޕޮލިސް ހެޑްކުއާޓަރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް އެކަޑަމީގައި އެކޮމަޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑެއް ހިމެނެއެވެ. އަދި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމްވެސް ހިމެނެއެވެ.

އައްޑޫގައި ފުލުހުންގެ އެކަޑަމީ ނުވަތަ ޓްރެއިނިން ސްކޫލް އިމާރާތްކޮށްފައި ވަނީ ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އޮފީސް ކައިރިން ފެށިގެން ބޮޑު ސަރަހަދެއްގައެވެ. އެ މަޝްރޫއު އިއުލާންކުރީ 2014 ވަނަ އަހަރުގެ އޭޕްރީލް ހަވަނަ ދުވަހު، އެއިރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ. އެތަނުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 2017 ގައެވެ.