ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން މިފްކޯއިން މަސްދަޅު އުފެއްދުމަށް ކުރާ ހަރަދުވެސް އިތުރު ވެފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

'ވަން' އަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް ފައުޒީ މިއަދު ވިދާޅުވީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި އެކު އެކުންފުނިން މަސްދަޅު އެފެއްދުމަށް ކުރަން ޖެހޭ ހަރަދުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މަސްދަޅަށް އަޅާ 'ސަންފްލާވާ' ތެލުގެ މާކެޓުގެ 40 އިންސައްތަ ކޮންޓްރޯލް ކުރަނީ ރަޝިއާ އަދި ޔޫކްރެއިން އިން ކަމަށާއި ހަނގުރާމައިގެ ސަބަބުން 'ސަންފްލާވާ' ތެލުގެ އަގުވެސް 40 އިންސައްތައަށް އުފުލިފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"މަސްދަޅަށް އަޅާ ތެލާއި، ޕެކިން މެޓީރިއަލް އާއި އެގެންނަ ޕްރައިސް އާއި ޑީސަލް، މި ހުރިހާ އެއްޗެއް ބޮޑުވެއްޖެ. އަދި މަސްވެރިން އަތުން ގަންނަ މަސް ކިލޯ އަކަށް އެއް ރުފިޔާ އިތުރުވެއްޖެ. މަސްދަޅަށް އަޅާ ތެލުން 40 ޕަސެންޓް ބޮޑުވެއްޖެ. ބައެއް އެއްޗެހިން 100 ޕަސެންޓް ބޮޑުވެއްޖެ" އިސްމާއިލް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ރާއްޖެއިންވެސް ޑީސަލުގެ އަގު އުފުލިފައިވާއިރު މަސްވެރިންގެ އަތުން މިފްކޯ އަށް މަސް ގަންނަ އަގު ބޮޑުކޮށްފައިވާނެ ކަމަށާއި ދަޅު ބަންދުކުރަން ބޭނުންވާ ތަކެތި ރާއްޖެ ގެނައުމަށް ދައްކަން ޖެހޭ ފްރައިޓް ޗާޖުވެސް ބޮޑުވެ، އެ ތަކެތި ލިބުމުގައި ދަތި ތަކެއް އެބަހުރިހުރިކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"ދެކޮޅު ނުޖެހޭ ގޮތަކަށް އެއްވެސް ވިޔަފާރިއެއް ނުކުރެވޭނެ. މަސްވެރިންނަށްވެސް ރަނގަޅު އަގު ދޭން ސަރުކާރުން އެ އެރޭންޖްމަންޓްތައް ހަދާފައި އެހެރީ. އަޅުގަނޑުމެންނަށް އެނގޭ މިފްކޯގެ ކަސްޓަމަރުންނަށް މިފްކޯގެ މަސްދަޅާ ނުލައި ކެއުމުގެ ކަންކަން ނުބެލެހެއްޓޭނެ ކަން. އެކަން ވަރަށް ރަނގަޅަށް އިހްސާސް ކުރެވޭތީ ރޯދަ މަހަށް މަސްކޭހުގެ އަގު ބޮޑު ނުކޮށް ކަސްޓަމަރުންނާއެކު މިތިބީ" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވިގޮތުގައި މިހުރިހާ ކަންތައްތަކަށް ބަލާއިރު މަސްދަޅު އުފެއްދުމަށް ކުރަންޖެހޭ ހަރަދު ވަނީ ގާތްގަނޑަކަށް 40 އިންސައްތަ ބޮޑުވެފައެވެ. ނަމަވެސް މިފްކޯ ރޯދަ ޕްރޮމޯޝަން ނިމެންދެން މަސްދަޅުގެ އަގު ބޮޑު ނުކުރައްވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ރޯދަ ޕްރޮމޯޝަން ނިމުމުން މަސްދަޅު ވިއްކާ އަގު ރިވައިސްކުރާނެ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ. މިފްކޯ ރޯދަ ޕްރޮމޯޝަން ނިމޭނީ މެއި މަހުގެ 31 ގަ އެވެ.